ޚަބަރު

ވިލުފުށީ ފަޅުގައި އޮތް 2 ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް!


ތ.ވިލުފުށީ ފަޅުގައި އޮތް 2 ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.


އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު އިރުއޮއްސި 6:00 ހާއިރުކަމަށާއި ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލުފުށީ ބަނދަރުގައި، ޖެހިޖެހިގެން އަޅާފައިވާ މި ދެ ބޯޓުގައި ރޯވި އަލިފާން ނިއްވާލަން ގާތްގަނޑަކަށް ދޮޅުގަޑިއިރު ހޭދަވިއެވެ. އަދި ލަކުޑިން ހަދާފައިވާ ދެ ބޯޓުގެވެސް ބޮޑުބައެއް ވަނީ މި ހާދިސާގައި އަނދާފައެވެ.


އަލިފާން ރޯވި ބޯޓުތަކަކީ ތެޔޮ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކަކަށްވާއިރު، އަލިފާނުގެ ހާދިސާ ހިނގިއިރު އެ އުޅަނދުތަކުގައި ހުރީ ކިހާ އަދަދެއްގެ ތެލެއްކަން ޔަގީނެއް ނޫނެވެ. އަދި އަލިފާން ރޯވާން ދިމާވި ކީއްވެކަމެއްވެސް އަދި ނޭނގެއެވެ..