ޚަބަރު

އއ.މާޅޮހު ސްކޫލްގައި ކުރިމަތިވި މައްސަލައަށްވަނީ ވަގުތީ ޙައްލެއް ގެނެސްފައި: އެޑިއުކޭޝަން


އއ.މާޅޮހު ސްކޫލްގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެދެވޭނެހެން ވަގުތީ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މާޅޮހު ސްކޫލްގައި ސައިންސް ބައެއް މާއްދާތައް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރަކު ނެތުމުގެ ސަބަބުން، އެ މާއްދާތައް ކިޔަވާކުދިން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ވަނީ ދެކޮޅު ހަދާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މާޅޮހުގައި ސައިންސް މާއްދާ ކިޔެވުމަށް ގެނައި މުދައްރިސް، ސްކޫލް އާއި އެޑިއުކޭޝަނަށް އެންގުމެއް ނެތި ފުރައިގެން ގޮސްފައިވާކަމަށެވެ. މި މައްސަލަ ބަލާ، މިވަގުތަށް ގެނެވޭނެ ޙައްލުތައް ގެންނަމުންދާކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.

އެގޮތުން މިހާރު އެރަށުގައި ހުރި ޕްރިންސިޕަލަކީ ބައޮލޮޖީ މާއްދާގެ މުދައްރިސަކަށްވުމުން، ޕްރިންސިޕަލް މެދުވެރިކޮށް ވަގުތީގޮތުން އެ މާއްދާ ކިޔަވައިދިނުމުގެ އިންތިޒާމްވަނީ ހަމަޖައްސަވާފައެވެ. އަދި ކެމިސްޓްރީ މާއްދާގެ ކިޔެވުން މިވަގުތަށް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް، އައްޑޫ ހައި ސްކޫލާއެކުވަނީ މަސައްކަތް ފަށާފައި ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަނުން ވިދާޅުވީ، ސްކޫލަށް ބޭނުންވާ ދާއިމީ ޓީޗަރުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އަދި ވީހާވެސް އަވަހަށް އެ އިންތިޒާމް ހަމަޖައްސާ، ޓީޗަރުން ފޮނުވާނެކަމަށެވެ.

އަތޮޅުތަކުގެ ސްކޫލްތަކަށް ޓީޗަރުން ހޯދުމުގެ ދަތިކަން އަބަދުވެސް އެޑިއުކޭޝަން މިނިސްޓްރީއަށް އޮވެއެވެ. ޚާއްސަކޮށް އެކި މާއްދާތައް ކިޔަވައިދޭ ދިވެހި ޓީޗަރުން މަދެވެ.

މި މައްސަލަ ޙައްލުކުރުމަށް، ޓީޗަރުންގެ އިނާޔަތްބޮޑުކުރުމާއި، އަދި އަތޮޅުތަކުގެ ސްކޫލްތަކަށް ކިޔަވައިދޭން ދާ ދިވެހި މުދައްރިސުންނަށް ޚާއްސަ އިނާޔަތްތަކެއް ދިނުމަށްވެސް އެޑިއުކޭޝަނުން މަޝްވަރާކޮށްފައިވެއެވެ. އަދި އަތޮޅުތަކަށް ބޭނުންވާ ޓީޗަރުން ތަމްރީންކުރުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.