ޚަބަރު

ތައިވާނުގެ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރީ ޗައިނާއަށް ތާޢީދުކުރާ ފަރާތްތަކުން


ތައިވާނުގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެ ޤައުމުގެ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީ.ޕީ.ޕީ)އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެއްޖެއެވެ. ނޮވެންބަރު 26ވަނަ ދުވަހު ނެގި ވޯޓުގެ ނަތީޖާ އިޢުލާނުކޮށްފައި ވާއިރު، ލޯކަލް ކައުންސިލްތަކާއި ރަށްތަކުގެ މޭޔަރުގެ މަޤާމު ޑީ.ޕީ.ޕީ.އަށް ވަނީ ގެއްލިފައެވެ. މި ނާކާމިޔާބީއާ ގުޅިގެން، ރައީސް ސައި އިންގް-ވެން ވަނީ، ޑީ.ޕީ.ޕީ.ގެ ރައީސް ކަމުގެ މަޤާމުން ވެސް އިސްތިޢުފާ ދެއްވާފައެވެ.

އިންތިޚާބުގައި ޑީ.ޕީ.ޕީ.އަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީއަކީ ތައިވާނުގެ މައި ހަ ސަރަޙައްދުގެ މޭޔަރުން ކަނޑައެޅުމަށް ނެގި ވޯޓުން ހަތަރު ރަށެއްގެ އަގުލަބިއްޔަތު ގެއްލުމެވެ. އަދި، މޭޔަރު ކަމުގެ މަޤާމު ވެސް ގެއްލުމެވެ. މީގެ ތެރޭގައި ވެރިރަށް ޓައިޕޭ ވެސް ހިމެނެއެވެ. އިންތިޚާބުގައި 22 ރަށަކާއި ކައުންޓީއެއްގެ އިތުރުން އެކި ސަރަޙައްދުތަކުގެ މޭޔަރުންނާއި މެޖިސްޓްރޭޓުން ވެސް ވަނީ ކަނޑައަޅާފައެވެ.

އިންތިޚާބަށް ސައިގެ ޕާޓީން ކުރިމަތިލާފައި ވަނީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކޮށްދިނުމުގެ ވަޢުދާ އެކުގައެވެ. ނަމަވެސް، އިންތިޚާބުގައި ކާމިޔާބީ ހޯދާފައި ވަނީ ޗައިނާއާ ގާތް ގުޅުންތަކެއް ބާއްވާ ޕާޓީއެއް ކަމުގައިވާ ކުއޮމިންޓެންގް (ކޭ.އެމް.ޓީ) ޕާޓީންނެވެ. ޗައިނާއަކީ ތައިވާނުގެ މިލްކުވެރިކަމާ މެދު ދަޢުވާ ކުރަމުންދާ ޤައުމެކެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލައިލާއިރު ސައިގެ ޕާޓީއަށް ކުރި ލިބިފައި ވަނީ އެންމެ ފަސް ރަށަކުންނެވެ. އަނެއް 13 ރަށުގެ ގޮނޑިތައް ކާމިޔާބު ކުރީ ކޭ.އެމް.ޓީ.އިންނެވެ. މީގެ އިތުރުން، ވޯޓުލުމުގެ ޝަރުޠު ހަމަވާ އުމުރު 20އިން 18އަށް ދަށްކުރަން ނެގި ފެންނަ ނުފެންނަ ވޯޓު ވެސް ފާހެއް ނުވިއެވެ.

ތައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ޗައިނާއިން ބަލާއިރު، ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައިގައި ޗައިނާއާއި އެމެރިކާއާ ދެމެދު ބޮޑު ކޯޅުންގަނޑެއް ވަނީ އުފެދިފައެވެ. އަދި، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީ އޮގަސްޓު މަހުގެ ތެރޭގައި ތައިވާނަށް ދަތުރުފުޅެއް ކުރެއްވުމުން، އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް މައްސަލަ އިތުރަށް ހޫނުވިއެވެ.

ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުން ޗައިނާއިން ވަނީ ތައިވާނު ވަށައިލާ، ބޮޑު އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ. ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ޑީ.ޕީ.ޕީ.އަށް ނާކާމިޔާބީއާ ކުރިމަތިވި ނަމަވެސް، މި ކަމުގެ ސަބަބުން އެ ޤައުމުގައި 2024ވަނަ އަހަރު ބާއްވާ ޢާންމު އިންތިޚާބަށް އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.