ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔަރ ބާރަށް އުތުރު ކޮރެޔާ ހަދާނަން: ކިމް


އުތުރު ކޮރެޔާއަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔަރ ބާރަށް ހަދާނެ ކަމުގައި އެ ޤައުމުގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، އެ ޤައުމުން ދާދިފަހުން ހެދި ބެލިސްޓިކް މިސައިލް ޓެސްޓުތަކުގެ ފަހަތުގައި މަސައްކަތް ކުރި އަސްކަރީ އޮފިސަރުންނަށް ވަޒީފާގެ ކުރިއެރުން ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ނޮވެންބަރު 18ވަނަ ދުވަހު އުތުރު ކޮރެޔާއިން ވަނީ އެހެން ބައްރަކަށް ހަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާ ދުރު ރާސްތާގެ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ޓެސްޓު ކޮށްފައެވެ. އެ ޓެސްޓު ކުރިއަށްދިޔަ ގޮތް ކިމް ވަނީ ބައްލަވައިލައްވާފައެވެ. "އަމާޒަކީ މި ޤަރުނުގައި ވެސް ނުދެކޭ ފަދަ ވަރުގަދަ ނިއުކްލިޔަރ ބާރަކަށް އުތުރު ކޮރެޔާ ހެދުން،" ކިމް ވިދާޅުވިއެވެ.

ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަކީ އުތުރު ކޮރެޔާގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް އޮތް ހަމައެކަނި މަގު ކަމުގައި ވެސް ކިމް ވިދާޅުވިއެވެ. އަދި، ނިއުކްލިޔަރ ހަތިޔާރުގެ ބިރު ދައްކައިގެން އެމެރިކާއިން ހިންގަމުންދާ އަމަލުތަކަށް އުތުރު ކޮރެޔާއިން ނުސިހޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ތެރޭގައި އުތުރު ކޮރެޔާއިން ވަނީ ގިނަ އަދަދެއްގެ މިސައިލް ޓެސްޓުތަކެއް ހަދާފައެވެ. އަދި އެންމެ ފަހުން އެ ޤައުމުން ހަދާފައިވާ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓުގެ ވީޑިޔޯތައް އެ ޤައުމުގެ ރަސްމީ ޚަބަރު ފަތުރާ އޭޖެންސީ ކޭ.ސީ.އެން.އޭ.އިން ވަނީ ޢާންމު ކޮށްފައެވެ. މި ވީޑިޔޯގައި ކިމްގެ އިތުރުން އޭނާގެ އަނބިކަނބަލުންނާއި އަންހެން ދަރިކަނބަލެއް ވެސް ފެނެއެވެ.

ކޭ.ސީ.އެން.އޭ.އިން ޢާންމު ކޮށްފައިވާ ވީޑިޔޯއަކީ ކިމްގެ އަންހެން ދަރިކަނބަލެއް ފެނިގެންދާ ފުރަތަމަ ވީޑިޔޯއެވެ. އަދި، މިއީ އޭނާގެ އަންހެން ދަރިކަނބަލެއް ހުންނަކަން ކޭ.ސީ.އެން.އޭ.އިން ހާމަކޮށްފައިވާ ފުރަތަމަ ފަހަރެވެ. ނަމަވެސް، ދަރިކަނބަލުންގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

ކިމްއަކީ އުތުރު ކޮރެޔާގެ ބާނީ ކަމުގައި ދެކޭ ކިމް އިލް ސަންގްގެ ކާފަ ދަރިކަލުންނެވެ. އޭނާ ކައިވެނި ބައްލަވައިގަތީ 2009ވަނަ އަހަރުއެވެ. އަދި، އޭނާއަށް ތިން ދަރިން ލިބިވަޑައިގަންނަވާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. މީގެ ތެރެއިން ފުރަތަމަ ބޭފުޅާ އުފަންވީ 2010ވަނަ އަހަރުއެވެ. އަދި، 2013ވަނަ އަހަރާއި 2017ވަނަ އަހަރު އޭނާއަށް އިތުރު ބޭފުޅުން ލިބިވަޑައިގެންނެވި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.