ޚަބަރު

ސޫރިޔާގައި ތިބޭ އެމެރިކާ ސިފައިންނަށް ހަމަލާދީފި


ސޫރިޔާގައި ހަރަކާތްތެރިވާ އެމެރިކާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ. ހަމަލާ ދީފައި ވަނީ ސޫރިޔާގެ އިރުއުތުރުގައި އޮންނަ ރަށެއް ކަމުގައިވާ އަލް-ޝައްދާދީގައި ހުންނަ އަސްކަރީ މަރުކަޒަކަށް ކަމުގައި، ސޫރިޔާގެ ތިބޭ އެމެރިކާ ސިފައިންގެ ފައުޖުގެ އިދާރާ ކަމުގައިވާ ޔޫ.އެސް. ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)އިން ބުނެއެވެ.

ސެންޓްކޮމްއަކީ، މެދުއިރުމަތީގެ ޤައުމުތަކުގައި ޤާއިމުވެފައި ތިބޭ އެމެރިކާ ސިފައިންގެ މައި މަރުކަޒެވެ. އަލް-ޝައްދާދީގައި ހުންނަ އަސްކަރީ މަރުކަޒަށް ފާއިތުވި ނުވަ ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ހަމަލާދީފައިވާ ކަމަށާއި، މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ވެސް ސެންޓްކޮމްއިން ބުނެއެވެ.

ސޫރިޔާގައި އެމެރިކާ ސިފައިން ހަރަކާތްތެރި ވަނީ ސީރިޔަން ޑިމޮކްރެޓިކް ފޯރަސް (އެސް.ޑީ.އެފް)އަށް އެހީތެރިވުމަށެވެ. އެއީ ކުރުދީ ދަރިކޮޅުގެ ހަނގުރާމަވެރިންގެ މައްޗަށް އެކުލެވޭ ޖަމާޢަތެކެވެ. ސޫރިޔާއާއި އިރާޤުގެ ސަރަޙައްދުތަކަށް އަތްގަދަ ކުރި އިސްލާމިކް ސްޓޭޓް (އައި.އެސް) ޖަމާޢަތް ބަލި ކުރުމަށް 2019ވަނަ އަހަރާ ޖެހެންދެން ކުރި ހަނގުރާމައިގައި އެމެރިކާއިން އިސް ދައުރެއް އަދާ ކުރިއެވެ.

އެ ޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިން ސޫރިޔާއާއި އިރާޤުގެ އުތުރުގެ ބައެއް ސަރަޙައްދުތަކުގައި އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ޖަމާޢަތުގެ ހަނގުރާމަވެރިން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވާ ގިނަ އަދަދެއްގެ އެމެރިކާ ސިފައިން ސޫރިޔާގައި އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ނޮވެންބަރު 17ވަނަ ދުވަހު ވެސް ތެލުގެ ގޮތުން މުއްސަނދި ސޫރިޔާގެ ސަރަޙައްދެއް ކަމުގައިވާ ގްރީން ވިލެޖްއަށް ވަނީ ރޮކެޓް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ވެސް އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. ސޫރިޔާގައި ހަރަކާތްތެރިވާ އިނގިރޭސި ވިލާތުގެ ޖަމުޢިއްޔާއެއް ކަމުގައިވާ ސީރިޔަން އޮބްޒަވޭޓަރީ ފޯރ ހިޔުމަން ރައިޓްސްއިން ބުނީ، އެ ހަމަލާގެ ފަހަތުގައި ވަނީ އީރާނުން ވާގިވެރިވާ ހަނގުރާމަވެރިން ކަމުގައި ބެލެވޭ ކަމުގައެވެ.

ސޫރިޔާއާ އިންވެގެން އޮންނަ ތުރުކީ ވިލާތުގެ ވެރިރަށް އިސްތަންބޫލުގައި ދާދިފަހުން ދިން ޓެރެރިސްޓް ހަމަލާއަކާ ގުޅިގެން ތުރުކީގެ ވައިގެ ސިފައިން ވެސް ވަނީ ސޫރިޔާއާއި އިރާޤުގެ އުތުރުގެ ސަރަޙައްދުތަކަށް ބޮންއަޅަން ފަށާފައެވެ. މީގެ ތެރެއިން ސޫރިޔާގައި ދިން ޑްރޯން ހަމަލާއެއްގައި އެސް.ޑީ.އެފް.ގެ ދެ ހަނގުރާމަވެރިން މަރުވެ، އެމެރިކާ ސިފައިންގެ ފުރާނައަށް ނުރައްކާވި ކަމުގައި ސެންޓްކޮމްއިން ބުނެއެވެ.

އިސްތަންބޫލުގައި ދިން ޓެރެރިސްޓް ހަމަލާގައި ހަ މީހުން މަރުވެ، 81 މީހަކު ޒަޚަމުވިއެވެ. މި ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ތުރުކީގެ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާ ދެމުން ދަނީ ސޫރިޔާއާއި އިރާޤުގައި ހަރަކާތްތެރިވާ ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީ.ކޭ.ކޭ)ގެ ހަނގުރާމަވެރިންނަށް ކަމުގައި ތުރުކީން ބުނެއެވެ.