ޚަބަރު

އެމެރިކާއާ މަޝްވަރާ ކުރުމަކީ ފޫނެތް ފަޔަށް ފެންފުރުންފަދަ ކަމެއް: ޚާމަނާއީ


އެމެރިކާއާއެކު މަޝްވަރާ ކޮށްގެން ލިބޭނެ އެއްވެސް ކުރިއެރުމެއް އަދި ފައިދާއެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވެ، އެއީ ފޫނެތް ފަޔަށް ފެންފުރުން ފަދަ ކަމެއްގެ ގޮތުގައި އީރާނުގެ ދީނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ ސިފަ ކުރައްވައިފިއެވެ. އީރާނުގައި މީގެ ދެ މަހެއްހާ ދުވަސް ކުރިން ފެށިގެން ކުރިޔަށްދާ ހަމަނުޖެހުންތައް ހައްލު ކުރުމަށް އެމެރިކާއާއެކު މަޝްވަރާ ކުރުމަކީ ބޭނުންތެރި ކަމެއް ނޫން ކަމުގައި ޚާމަނާއީ ވިދާޅުވިއެވެ.

އީރާނުގެ ފުލުހުންގެ ބެލުމުގައި ދަށުގައި ހުރި 22 އަހަރުގެ އަންހެނެއް ކަމުގައިވާ މަޙްސާ އަމީނީގެ މަރާ ގުޅިގެން އީރާނުގެ އެކި ކަންކޮޅުތަކުގައި ވަނީ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފަށާފައެވެ. ކުރުދީ ދަރިކޮޅުގެ މީހެއް ކަމުގައިވާ މަޙްސާ މަރުވީ ސެޕްޓެންބަރު 16ވަނަ ދުވަހުއެވެ. އެ ހާދިސާއާ ގުޅިގެން އީރާނުގެ އަމަން އަމާންކަން ގެއްލިފައިވާއިރު، މުޒާހަރާތައް ހުއްޓުވަން އެ ޤައުމުގެ ފުލުހުންނާއި ސިފައިން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ.

މަޙްސާގެ މަރާ ގުޅިގެން އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ތެދުވީ ހުޅަނގުން އެ ކަމަށް ހިތްވަރު ދިނުމުން ކަމުގައި އީރާނުގެ ސަރުކާރުން ތުހުމަތު ކުރެއެވެ. އަދި، މި ކަމުގައި ކުރުދީންގެ ބައިވެރިވުން އޮތް ކަމުގައި ވެސް އީރާނުން ތުހުމަތު ކުރެއެވެ.
"ނޫސްތަކާއި އިންޓަރނެޓުގައި ބުނަމުން ދަނީ އަޅުގަނޑުމެންގެ ދާޚިލީ މައްސަލަތައް ހައްލު ވާނީ އެމެރިކާއާއެކު މަޝްވަރާ ކޮށްގެންނޭ. އެ ޤައުމާ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ އެއް ކަމެއް ވެސް ނޯންނާނެ. އެ މީހުންނާ މަޝްވަރާ ކޮށްގެން އީރާން އަޅުވެތިވުން ނޫން ކަމެއް ނުވާނެ،" ޚާމަނާއީ ވިދާޅުވިއެވެ.

އެމެރިކާއިން ބޭނުން ވަނީ އީރާނުން އެ ޤައުމުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމު ހުއްޓައިލާ، ޤާނޫނު އަސާސީ ބަދަލުކޮށް، ސަރަޙައްދީ ޤައުމުތަކަށް ނުފޫޒު ފޯރުވުން ހުއްޓައިލާ، އަމިއްލަ މިނިވަންކަމާއި ސިޔާދަތު ދިފާޢު ކުރުމަށް މަސައްކަތް ކުރުން ހުއްޓައިލުމަށް ކަމުގައި ޚާމަނާއީ ވިދާޅުވިއެވެ. "މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ، އަދި އެއްބަސްވެވޭނެ ކަންކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އީރާނަށް ކުރިމަތިވެފައިވާ މައްސަލައަކީ މަގުތަކަށް ނިކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންދާ މަދު ބަޔެއް ނޫން ކަމަށާއި، މައްސަލައަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ނާތަހުޒީބު ވިސްނުން ކަމުގައި ވެސް ޚާމަނާއީ ވިދާޅުވިއެވެ. ޚާމަނާއީގެ ވެރިކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކޮށް 300އެއްހާ މީހުން މަރައިލާފައިވާ ކަމުގައި އ.ދ.އިން ތުހުމަތު ކުރެއެވެ.

އީރާނުގެ ދާޚިލީ ހަމަނުޖެހުންތަކުގައި އިންސާނީ ހައްޤުތައް ނިގުޅައިގަނެފައިވާ ކަމަށް ބުނެ އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލުން ދާދި ފަހުން ވަނީ އެ ޤައުމުގެ މައްސަލަ ތަހުޤީޤު ކުރަން ވެސް ފާސް ކޮށްފައެވެ. މި ކަމާ ގުޅޭ ގޮތުން ކައުންސިލުގައި ނެގި ވޯޓު ފާސްވީ 25 މެންބަރުންގެ ތާޢީދާ އެކުގައެވެ. 16 ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. އަދި، ހަ ޤައުމަކުން ވަނީ ޤަރާރާ ދެކޮޅަށް ވޯޓު ލާފައެވެ. އެއީ، އަރުމީނިޔާ، ޗައިނާ، ކިޔުބާ، އެރިޓްރިޔާ، ޕާކިސްތާން އަދި ވެނެޒުއެލާއެވެ.