ޚަބަރު

"ދަ ފެމިލީ މޭން" ގެ 3 ވަނަ ސީޒަން އަންނަ އަހަރު


އެމެޒޯން ޕްރައިމް ވީޑިއޯއިން ދެއްކި މަނޯޖް ބަޖްޕާއީގެ ކާމިޔާބު ސީރީޒް "ދަ ފެމިލީ މޭން" ގެ 3 ވަނަ ސީޒަނަށް ތައްޔާރުވަމުން އަންނަ ކަމަށް މަނޯޖް ބުނެފިއެވެ.

މިކަން ކަށަވަރުކޮށްދެމުން މަނޯޖް ބުނީ މީގެ ޝޫޓިން ވަރަށް އަވަހަށް ފަށަން އެމެޒޯން އިން ބޭނުންވި ނަމަވެސް ސީރީޒްގެ ދެ ޑައިރެކްޓަރުން ކަމަށްވާ ރާޖް ނިދިމޯރް އާއި ކްރިޝްނާ ޑީކޭ އަދި މަނޯޖްވެސް ވަރަށް ބިޒީ ކަމަށާއި ޝޫޓިން ފެށޭވަރު ވާނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ.

ކުރީގެ ދެ ސީޒަނުން ފެނުނު މަނޯޖް އާއި ޝާރިބް ހާޝްމީ އަދި ޕްރިޔާމަނީގެ އިތުރުން 2 ވަނަ ސީޒަނުން އާ ތަރިންތަކެއްވެސް ފެންނާނެއެވެ.

ސްޕައި ތްރިލާއެއް ގޮތަށް ގެނެސްދޭ މި ސީރީޒަކީ ރާޖް އެންޑް ޑީކޭ ޕްރޮޑިއުސްކުރާ ސީރީޒެކެވެ. ރާޖަކީ މީގެ އެއް ޑައިރެކްޓަރުގެ ގޮތުގައިވެސް މަސައްކަތްކުރާ މީހެކެވެ.

މި ސީރީޒްގައި ދައްކުވައިދެނީ މެދު ފަންތީގެ އާއިލާއެއްގެ މީހަކު ސިއްރުން އިންޓެލިޖެންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާއިރު ދިމާވާ ތަފާތު ހާދިސާތަކެވެ.

2019 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ދައްކަން ފެށި "ދަ ފެމިލީ މޭން" ގެ ފުރަތަމަ ސީޒަންގައި 10 އެޕިސޯޑު ގެނެސްދީފައިވާއިރު ދެވަނަ ސީޒަންގައި ވަނީ 9 އެޕިސޯޑު ގެނެސްދީފައެވެ.