އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ޔޫއެންއެފްޕީއޭ އާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން މާލެ ސަރަޙައްދުގައި ކުރިއަށްގެންގޮސްފިއެވެ.
އެގޮތުން އާއްމު ތަންތަނުގައި އަންހެނުންނަށް ކުރާ ފުރައްސާރައާއި ގޯނާ ހުއްޓުވުމަށް ހޭލުންތެރިކުރުމުގެ ގޮތުން ބަސްދަތުރެއްވަނީ ބާއްވާފައެވެ. މި ބަސް ދަތުރުގައި، ޔޫއެންއެފްޕީއޭ އާއި، ޖެންޑަރ މިނިސްޓްރީ އާއި ކަމާގުޅުންހުރި ޖަމިއްޔާތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން މި ބަސް ދަތުރުގައި ކަމާ ގުޅުންހުރި ފަރާތްތަކުން 80އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެެ.
މާލެއިން ހުޅުމާލެއަށް ބޭއްވި ބަސް ދަތުރުގައިވަނީ، ރާއްޖޭގައި މިފަދަ މައްސަލަތައް އޮތް ގޮތާއި، އެކަންކަން ހުއްޓުވުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކޮށްފައެވެ. ޚާއްސަކޮށް، މުޖުތަމަޢަކީ ހޭލުންތެރި ބައެއްގެ ގޮތުގައި ހެދުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތުދީ މަޝްވަރާކޮށްފައިވެއެވެ.
މީގެއިތުރުން، ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ބަސްތަކުގައިވެސް ޖެންޑަރ މިނިސްޓްރީންވަނީ، ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދިނުން ކުރިއަށްގެންގޮސްފައެވެ.
މާލެ ސަރަޙައްދުގައި އާއްމު ދަތުރުފަތުރުގެ ޚިދުމަތް ބޭނުންކުރާ %70 މީހުންނަކީ އަންހެނުންނެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ގުޅިގެން، އަތޮޅުތަކުގައިވެސް ފެރީތަކާއި ބަސްތަކުގައި ހޭލުންތެރިކުރުމުގެ މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މި ޕްރޮގްރާމް އައްޑޫ، ފުވައްމުލައް، ލ.އަތޮޅުގެ އިތުރުންވެސް އާރްޓީއެލް ފެރީގެ ޚިދުމަތް ދޭ އަތޮޅުތަކުގައި ކުރިއަށްގެންދާނެއެވެ.
އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހޭލުންތެރިކުރުމުގެ ޚާއްސަ ހަރަކާތްތައް އަންނަ މަހުގެ 10ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.
ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެކަނިވެސް ގެވެށި އަނިޔާގެ 659 މައްސަލަ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވެއެވެ. މީގެތެރެއިން އަނިޔާ ލިބިގެން ރިޕޯޓްކުރި 504 މީހުންނަކީ އަންހެނުންނެވެ.