ޚަބަރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ: ކީވްގެ ވިޝްގޮރޮޑަށް ޒެލެންސްކީ ޒިޔާރަތްކުރައްވައިފި


ރަޝިޔާއިން ޔޫކްރެއިނަށް މިހާރު ދެމުންދާ ވަރުގަދަ މިސައިލް ހަމަލާތަކުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އެއް ސަރަޙައްދު ކަމުގައިވާ ވެރި ރަށް ކީވްގެ ވިޝްގޮރޮޑްއަށް ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ޒިޔާރަތް ކުރައްވައިފިއެވެ. ކީވްއަށް ރަޝިޔާއިން އެންމެ ފަހުން ދީފައިވާ ކްރޫޒް މިސައިލް ހަމަލާތަކުގައި ޢާންމުންގެ ހަތް މީހުން މަރުވިއެވެ.

އެ ރަށަށް ޒެލެންސްކީ ކުރެއްވި ދަތުރުފުޅުގައި ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ތަންތަނަށް ވަޑައިގަންނަވައި، ލިބިފައިވާ ގެއްލުންތައް ބައްލަވައިލެއްވިއެވެ. އަދި، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޔޫކްރެއިނުގެ ސިފައިންނާއި އެ ސަރަޙައްދުތަކުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، އެ މީހުންނަށް ހިތްވަރު ދެއްވިއެވެ.

ރަޝިޔާއިން މިހާރު ދެމުންދާ ހަމަލާތައް އަމާޒު ކުރަމުން ދަނީ ޔޫކްރެއިނުގެ ހަކަތައިގެ ވިއުގައަށެވެ. ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ އިންޖީނުގެތަކާއި ވަސީލަތްތަކަށެވެ. ހަކަތައިގެ ވިއުގައަށް ދީފައިވާ ވަރުގަދަ ހަމަލާތަކާ ގުޅިގެން ކީވްގެ ބޮޑު ސަރަޙައްދަކުން އަދިވެސް ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.

ކީވްގެ އިތުރުން ޔޫކްރެއިނުގެ އެހެން މައި ރަށްތަކަށް ވެސް ރަޝިޔާއިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މީގެ ތެރޭގައި، ދާދިފަހުން ރަޝިޔާ ސިފައިން ފައިބަން ޖެހުނު ޔޫކްރެއިނުގެ ދެކުނުގައިވާ ޚާރްސަން ހިމެނެއެވެ. ޚާރްސަން ސަރަޙައްދުގެ މައި ރަށް ކަމުގައިވާ ޚާރްސަން ސިޓީއަށް އެންމެ ފަހުން ދިން ހަމަލާތަކުގައި ހޮސްޕިޓަލަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.

ހޮސްޕިޓަލަށް ދިން ހަމަލާތަކާ ގުޅިގެން އެ ތަނުގައި ފަރުވާދެމުން ދިޔަ ބަލި މީހުން އެހެން ޢިމާރާތަކަށް ބަދަލު ކުރަން ޖެހުނު ކަމުގައި އެ ސަރަޙައްދުގެ އޮފިޝަލުން ބުނެއެވެ. ކަރަންޓާއި ފެން ފަދަ އަސާސީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތަކަށް އަމާޒުކޮށް ރަޝިޔާއިން ދެމުންދާ ހަމަލާތަކާ ގުޅިގެން ޔޫކްރެއިނަށް ޞިއްޙީ ކާރިސާއަކާ ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ކީވްއަށް ރަޝިޔާއިން ހަމަލާތައް ދެމުންދިޔަ ވަގުތު އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރު ޖޭމްސް ކްލެވަރލީ ވަނީ އެ ރަށަށް ޒިޔާރަތް ކުރައްވައި، ޒެލެންސްކީއާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި އޭނާ ވަނީ، އިނގިރޭސި ވިލާތުން ޔޫކްރެއިނަށް އެހީގެ އިތުރު ޕެކޭޖުތަކެއް ފޮނުވާނެ ކަމުގައި ވިދާޅުވެފައެވެ.

"ކުރިއަށް އޮތް ފިނިމޫސުމަކީ ޔޫކްރެއިނުގެ ރައްޔިތުންނަށް ބިރުވެރި، ނުތަނަވަސް ދުވަސްތަކަކަށް ވާނެ. އަޅުގަނޑުމެން މި ކަމުގައި ކެތްކުރާނަން. މިއީ ޔޫކްރެއިނުގެ ރައްޔިތުންގެ ހަނދާނުން ފޮހެލަން ދަތިވާނެ ފިނިމޫސުމެއް،" ޒެލެންސްކީ ވިދާޅުވިއެވެ.

ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ސަރަޙައްދުތަކަށް އަލުން އެ ޚިދުމަތް ގުޅައިދިނުމަށް ޔޫކްރެއިނުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ޚިދުމަތް މެދުކެނޑިފައިވާ 70 އިންސައްތަ ސަރަޙައްދަށް އަލުން ޚިދުމަތް ގުޅައިދީފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. ނަމަވެސް، އަދިވެސް 400,000އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުން ދަނީ ކަރަންޓާ ނުލައެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރާފައި ވަނީ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. މި ހަނގުރާމައިގައި ރަޝިޔާގެ އެތަކެއް ހާސް ސިފައިން މަރުވެފައި ވާއިރު، އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިން ދާދި ފަހުން ވަނީ މަރުވެފައިވާ ބައެއް ސިފައިންގެ މައިންނާ ބައްދަލު ކުރައްވާފައެވެ.

"އަޅުގަނޑާއި ރަޝިޔާގެ ސަރުކާރު ތި މައިންގެ ހިތާމައިގައި ބައިވެރިވަން،" އެ މީހުންނާ އެކު ބޭއްވި ބައްދަލުވުމުގައި ޕުޓިން ވިދާޅުވިއެވެ. އަދި، ޔޫކްރެއިނު ސަރުކާރަކީ ދޮގު މަޢުލޫމާތު ފަތުރާ ސަރުކާރެއް ކަމުގައި ތުހުމަތުކޮށް، ރަޝިޔާ ސިފައިންގެ އަމަލުތަކާ ގުޅޭ ގޮތުން ޔޫކްރެއިނުން ފަތުރާ ޚަބަރުތައް ޤަބޫލު ނުކުރުމަށް ވެސް އޭނާ ވަނީ ސިފައިންގެ ޢާއިލާތަކަށް ގޮވައިލައްވާފައެވެ.