ޚަބަރު

ބްރެޒިލްގެ ދެ ސްކޫލެއްގައި ބަޑިޖަހައި ތިން މީހުން މަރާލައިފި


ބްރެޒިލްގެ އިރުދެކުނުގައިވާ ރަށެއްގެ ދެ ސްކޫލެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ތިން މީހުން މަރުވެއްޖެއެވެ. ބަޑީގެ ހަމަލާތައް ދީފައި ވަނީ އެސްޕިރިޓޯ ސަންޓޯ ސްޓޭޓްގެ ރަށެއް ކަމުގައިވާ އެރެކްރޫޒްގެ ދެ ސްކޫލެއްގައެވެ. ބަޑީގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރެގައި ޒުވާން އުމުރުގެ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.

އަރަކްރޫޒްގެ ފުލުހުން ބުނީ ހަތިޔާރު އެޅި މީހާ ފުރަތަމަ ހަމަލާ ދީފައި ވަނީ އެއް ސްކޫލްގެ ޓީޗަރުންތަކަކަށް އަމާޒުކޮށް ކަމުގައެވެ. އެ ތަނުން ދެ މީހުން މަރުވެ، އިތުރު ނުވަ މީހަކު ޒަޚަމުވިއެވެ. އަދި، ދެވަނަ ސްކޫލަކަށް ގޮސް ހަތިޔާރު އެޅި މީހާ ވަނީ އަންހެން ކުއްޖަކަށް ބަޑިން ހަމަލާދީ، އެ ކުއްޖާ މަރައިލާފައެވެ. އެ ސްކޫލްގައި ދިން ބަޑީގެ ހަމަލާތަކުގައި އިތުރު ދެ މީހަކު ޒަޚަމުވިއެވެ.

އެސްޕިރިޓޯ ސަންޓޯ ސްޓޭޓްގެ ގަވަރުނަރު ރެނާޓޯ ކާސާގްރާންޑޭ ވިދާޅުވީ، ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ބަޑީގެ ހަމަލާތައް ދިން މީހާ ހައްޔަރު ކޮށްފައިވާ ކަމުގައެވެ. އަދި، މި ހަމަލާތައް ދިނުމުގެ ފަހަތުގައިވާ ސަބަބު ދެނެގަތުމަށް މިހާރު ތަހުޤީޤު ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ބްރެޒިލްގެ އިންތިޚާބީ ރައީސް ލުއިސް އިނާސިޔޯ ލޫލާ ޑެ ސިލްވާ ވަނީ ކަންބޮޑުވުން ފާލު ކުރައްވާފައެވެ. އަދި، ހިތާމައިގައި މަރުވި މީހުންގެ ޢާއިލާތަކާ ބައިވެރިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، މި ހާދިސާގެ ފުރިހަމަ ތަހުޤީޤެއް ހިންގާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ބްރެޒިލްގެ ސްކޫލްތަކަށް އަމާޒުކޮށް ދޭ މި ފަދަ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރު ވެފައެވެ. 2011ވަނަ އަހަރު ބްރެޒިލްގެ ތިންވަނައަށް އެންމެ ބޮޑު ރަށް ކަމުގައިވާ ރިއޯ ޑި ޖެނެއިރޯގެ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާތަކެއްގައި 12 ދަރިވަރުން ވަނީ މަރުވެފައެވެ.

2019ވަނަ އަހަރު ވެސް އެ ޤައުމުގައި މި ފަދަ ހަމަލާއެއް ދީފައިވެއެވެ. ސައޮ ޕައޮލޯގެ ރަށްބޭރުގައި އޮންނަ ސުޒާނޯގެ ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އަށް ދަރިވަރުން މަރުވިއެވެ. ހަމަލާ ދިނުމަށް ފަހު ހަތިޔާރު އެޅި މީހާ ވަނީ އޭނާގެ އަމިއްލަ ފުރާނަ ވެސް ނަގައިލާފައެވެ.

2003އިން 2010އަށް ބްރެޒިލްގެ ވެރިކަން ކުރައްވާފައިވާ ލޫލާ ވެރިކަމުގެ އައު ދައުރަކަށް އިންތިޚާބުވީ މިހާރުގެ ރައީސް ޖައިރް ބޮލްސޮނާރޯއާ ވާދަ ކުރައްވައެވެ. ލޫލާ ވަނީ ހަތިޔާރު ގެންގުޅުން ހުއްޓުވުމާ ގުޅޭ ގޮތުން ބޮލްސޮނާރީގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.