ޚަބަރު

އަންހެނުންގެ ހައްޤުތަކަށް ގޮވާލައި ބޭއްވި ހިނގާލުމަކަށް ތުރުކީވިލާތުގެ ފުލުހުން ހުރަސްއަޅައިފި


އަންހެނުންގެ ހައްޤުތައް ހިމާޔަތް ކުރުމަށް ގޮވައިލައި އަޑުއުފުލުމަށް ތުރުކީ ވިލާތުގެ ވެރިރަށް އިސްތަންބޫލުގައި ބޭއްވި ހިނގައިލުމަކަށް ފުލުހުން ހުރަސް އަޅައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފިއެވެ. ނޮވެންބަރު މަހުގެ 25ވަނަ ދުވަހަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރާ ދުވަހެވެ. ހިނގަލުން ބާއްވާފައި ވަނީ އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ.

އިސްތަންބޫލުގެ ތަކްސިމް މައިދާނުގައި ހިނގައިލުން ބާއްވާފައި ވަނީ ނަގަންޖެހޭ ހުއްދަތަކާއި ނުލައި ކަމުގައި ތުރުކީގެ ފުލުހުން ބުނެއެވެ. އަދި، ހިނގައިލުން ހުއްޓުވައި، ހިނގައިލުމުގެ ބައެއް ބައިވެރިން ހައްޔަރު ކޮށްފައި ވަނީ އެ ސަބަބާ ގުޅިގެން ކަމުގައި ވެސް ފުލުހުން ބުންޏެވެ. ހިނގަލުން ހުއްޓުވުމަށް ތުރުކީގެ ފުލުހުން ވަނީ ބެރިކޭޑުތައް ޖަހައި، މަގުތައް ބަންދު ކޮށްފައެވެ.

ހިނގަލުން ރާވާފައި ވަނީ އަންހެނުންގެ ހައްޤުތައް ހިމާޔަތް ކުރަން ވަކާލާތުކުރާ ޖަމުޢިއްޔާތަކެއްގެ މައްޗަށް އެކުލެވިގެންވާ "ނޮވެންބަރ 25 ޕްލެޓްފޯމް"ގެ ނަން ދީފައިވާ ޖަމުޢިއްޔާއަކުންނެވެ. ތުރުކީ ވިލާތުގައި ދިރިއުޅޭ އީރާނު ދަރިކޮޅުގެ އެތަކެއް ހާސް ބަޔަކު ވެސް ހިނގައިލުމުގައި ބައިވެރިވިއެވެ. ހިނގައިލުމުގެ ބައިވެރިން ވަނީ އީރާނުގައި ކުރަމުންދާ މުޒާހަރާތަކަށް ތާޢީދުކޮށް ވެސް އަޑު އުފުލާފައެވެ.

އީރާނުގެ ސަރުކާރާ ދެކޮޅަށް ވެސް އެ ޤައުމުގެ ރައްޔިތުން ތެދުވެ ދަނީ ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ. މުޒާހަރާތައް ފެށުނީ އީރާނުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 22 އަހަރުގެ އަންހެން ކުއްޖެއް ކަމުގައިވާ މަޙްސާ އަމީނީ މަރުވި ހާދިސާއާ ގުޅިގެންނެވެ. މަޙްސާގެ މަރާ ގުޅިގެން އީރާނުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރަމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ވަނީ އީރާނުގެ އަންހެނުންނާ އެއްކޮޅަށް ހިނގައިލުންތައް ބާއްވާފައެވެ.

އަންހެނުންގެ ހައްޤުތައް ހިމާޔަތް ކުރުމަށް ގޮވައިލާ ތުރުކީގައި ބޭއްވި ހިނގައިލުމަށް ހުރަސް އެޅުމުން އެ ޤައުމުގެ ސަރުކާރާއި ފުލުހުންނަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފައެވެ. ހިނގައިލުމުގެ ބައިވެރިން ވަނީ، ފުލުހުންގެ ބިރުދެއްކުމަށް ފަސް ނުޖެހޭނެ ކަމަށް ބުނަމުންނެވެ. އަދި، މި ފަދަ އިތުރު ހިނގައިލުންތައް ބާއްވާނެ ކަމަށް ބުނަމުންނެވެ.