ޚަބަރު

ޖިއްދާގައި ފެން ބޮޑުވެ މަގުތައް ބަންދުކުރަން ޖެހިއްޖެ


ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ބޯކޮށް ވާރޭވެހި، ބޮޑު ސަރަޙައްދެއްގައި ފެން ބޮޑުވެއްޖެއެވެ. ޖިއްދާއަށް ބޯކޮށް ވާރޭވެހިފައި ވަނީ އެ ސަރަޙައްދަށް އެރި ތޫފާނަކާ ގުޅިގެންނެވެ. ފެން ބޮޑުވުމާ ގުޅިގެން ޖިއްދާގެ މަގުތައް ވަނީ ބަންދުކޮށްފައެވެ. މީގެ ތެރޭގައި މުސްލިމުންގެ އެންމެ މުޤައްދަސް ބިން ކަމުގައިވާ މައްކާއަށް ދަތުރު ކުރަން އޮންނަ މަގުތައް ހިމެނެއެވެ.

ފެން ބޮޑުވުމާ ގުޅިގެން ޖިއްދާގެ ސްކޫލްތައް ވެސް ވަނީ ބަންދު ކޮށްފައެވެ. އަދި، މަގުތަކުގައި ފެންބޮޑުވެ، ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދަށް ވަނީ ގެއްލުން ލިބިފައެވެ. މި ހާދިސާއާ ގުޅިގެން ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ވެސް ހުރަސް އެޅުނެވެ. އަދި، ގިނަ އަދަދެއްގެ ވައިގެ ދަތުރުތައް ކެންސަލް ކުރަން ޖެހުނެވެ.

ޖިއްދާގެ އިތުރުން އެ ރަށާ އިންވެގެން އޮންނަ ރާބިޣާއި ޚުލައިސްއަށް ވެސް ތޫފާނުގެ އަސަރު ކޮށްފައިވެއެވެ. އަދި، އެ ދެ ރަށުގައި ވެސް ސްކޫލްތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މި ހާދިސާ ކުރިމަތިވެފައި މި ވަނީ ދަރިވަރުން އިމްތިހާނެއްގައި އިށީންނަން ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައި ކަމުގައި ސަޢޫދީ ޕްރެސް އޭޖެންސީއިން ރިޕޯޓު ކުރެއެވެ.

ކޮންމެ އަހަރެއްގެ ފަހުކޮޅު ޖިއްދާއަށް ކުރިމަތިވާ ފިނިމޫސުމަކީ އެ ސަރަޙައްދަށް ބޯކޮށް ވާރޭ ވެހޭ ދުވަސްވަރެކެވެ. 2009ވަނަ އަހަރު ވެސް ޖިއްދާއަށް ބޯކޮށް ވާރޭވެހި ގިނަ ޢަދަދެއްގެ މީހުންގެ ފުރާނަ ގެއްލުނެވެ. އެ އަހަރު ފެން ބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި 123 މީހުން މަރުވިއެވެ. އަދި، އޭގެ ދެ އަހަރު ފަހުން ހިނގި ފެން ބޮޑުވުމުގެ ހާދިސާގައި 10 މީހުން މަރުވިއެވެ.