ޚަބަރު

ޤަވާޢިދާ ޚިލާފަށް ހިޖުރަކޮށްފައިވާ 200އަށްވުރެ ގިނަ މީހުން ލީބިޔާއިން ބޭރުކޮށްފި


ލީބިޔާއަށް ޤަވާޢިދާ ޚިލާފަށް ހިޖުރަ ކޮށްފައިވާ 200އަށްވުރެ ގިނަ މީހުން އެ ޤައުމުން ބޭރު ކޮށްލައިފިއެވެ. އަމިއްލަ ވަޒަނަށް ލީބިޔާއިން ފޮނުވައިލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ މިޞްރާއި، ޗާޑުގެ އިތުރުން ސޫދާނުގެ ރައްޔިތުންނެވެ. އެ މީހުން ޤައުމަށް ފޮވައިލަން ލީބިޔާގެ ޚާރިޖީ ވުޒާރާއިން ޚާއްޞަ ބަސް ދަތުރުތަކެއް އިންތިޒާމު ކޮށްފައެވެ.

މި މަސައްކަތް މަތިކޮށްފައިވާ ލީބިޔާގެ އިދާރާގެ އިސްވެރިޔާ ބަދުރުއްދީން އަލްސާދް ބިން ޙާމިދު ވިދާޅުވީ، ފޮނުވައިލާފައި ވަނީ މިޞްރުގެ 105 މީހަކާއި، ޗާޑްގެ 101 މީހަކާއި، ސޫދާނުގެ 20 މީހުން ކަމުގައެވެ. ލީބިޔާގައި ޤަވާޢިދާ ޚިލާފަށް އެތަކެއް ހާސް ބަޔަކު ދިރިއުޅެއެވެ.

މީގެ ތެރެއިން ގިނަ މީހުންނަކީ، އަވަށްޓެރި ޤައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކާއި ފަގީރު ކަމުން ސަލާމަތްވުމުގެ ބޭނުމުގައި ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން ދަތުރު ކުރާ މީހުންނެވެ. ލީބިޔާއަކީ ވިލާތުގެ ޤައުމުތަކަށް އެ މީހުން ހިޖުރަ ކުރަން ބޭނުން ކުރާ އެއް މަގެވެ. މި ގޮތަށް ހިޖުރަ ކުރަން މަސައްކަތް ކުރާ މީހުންގެ ތެރޭގައި ގިނައީ އެފްރިކާ ބައްރުގެ ޤައުމުތަކުގެ މީހުންނެވެ.

ބޮޑުވަޒީރު ޢަބްދުލްޙާމިދު ދުބައިބާގެ ސަރުކާރުން ދަނީ ޤަވާޢިދާ ޚިލާފަށް އެ ޤައުމަށް ހިޖުރަ ކޮށްފައިވާ މީހުން ހޯދައި، އެ މީހުންގެ ޤައުމަށް އަނބުރާ ފޮނުވައިލުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތަށް ހައްޔަރު ކުރެވޭ މީހުންނާ މެދު ލީބިޔާއިން އިންސާނިއްޔަތު ކަމެއް ނެތް ގޮތަކަށް އަމަލު ކުރަމުންދާ ކަމުގައި ތުހުމަތުކޮށް، ދުބައިބާގެ ސަރުކާރަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ލީބިޔާގެ ސަރުކާރުން ޤާއިމު ކޮށްފައިވާ ޑިޓެންޝަން ސެންޓަރުތަކުގެ އިތުރުން، އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގާ މީހުންގެ އަތްދަށުވެ، ހިޖުރަކުރަން މަސައްކަތް ކުރާ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބެމުންދާ ކަމުގައި އިންސާނީ ހައްޤުތައް ހިމާޔަތް ކުރަން ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ތުހުމަތު ކުރެއެވެ. ބައެއް މީހުންނަށް ޖިސްމާނީ އަދި ޖިންސީ އަނިޔާއާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި ވެސް ޖަމުޢިއްޔާތަކުން ތުހުމަތު ކުރެއެވެ.

އެ ޤައުމަށް ޤަވާޢިދާ ޚިލާފަށް އެތެރެވެފައިވާ މީހުން އަމިއްލަ ޤައުމަށް ފޮނުވުމުގެ މަސައްކަތުގައި އ.ދ.އިން ކުރިން ވަނީ އެހީތެރިކަން ފޯރު ކޮށްދީފައެވެ. ނަމަވެސް، އެ ޤައުމުގެ ހުޅަނގާއި އުތުރާއި ދެކުނުގައި ހަރަކާތްތެރިވާ އިދާރާތަކުން އެއްބަސްވުމެއް އެކުލަވައިލާ، މިހާރު އެ މަސައްކަތް ކުރަމުން ދަނީ އެ ޤައުމުގެ ދާޚީލީ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.

ނޭޓޯގެ ފައުޖުތަކުން 2011ވަނަ އަހަރު ލީބިޔާއަށް އަރައި އެ ޤައުމުގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ޣައްޒާފީގެ ސަރުކާރު ވައްޓައިލި ފަހުން، އެ ޤައުމަށް ހަމަޖެހުން އައިސްފައެއް ނުވެއެވެ. ހުސްވި އޮގަސްޓު މަހު އެ ޤައުމުގެ ވެރިރަށް ތުރާބުލުސްގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކެއްގައި 30އަށްވުރެ ގިނަ މީހުން މަރުވިއެވެ.