ޚަބަރު

އިންސާނީ ހައްޤުތަކާ ދެކޮޅަށް އީރާނުން ހިންގާ އަމަލުތައް ތަޙްޤީޤުކުރަނީ


އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް އެ ޤައުމުގެ ސަރުކާރުން ހިންގަމުންދާ އިންސާނީ ހައްޤުތަކާ ޚިލާފު އަމަލުތައް ތަހުޤީޤު ކުރަން އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން ފާސް ކޮށްފިއެވެ. އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ތެދުވެ މުޒާހަރާ ކުރަން ފަށާފައި ވަނީ ފުލުހުންގެ ހައްޔަރުގައި ހުރި 22 އަހަރުގެ އަންހެން ކުއްޖެއް ކަމުގައިވާ މަޙްސާ އަމީނީ މަރުވި ހާދިސާއާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

މަޙްސާއާއި އީރާނުގެ އަންހެނުންގެ ހައްޤުތައް ހިމާޔަތް ކޮށްދިނުމަށް ގޮވައިލާ އެ ޤައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ވެރިރަށް ތެހެރާނުގެ އިތުރު އީރާނުގެ އެކި ކަންކޮޅުތަކަށް ވަނީ ފެތުރިފައެވެ. މި މުޒާހަރާތައް ހުއްޓުވަން އީރާނުގެ އަމަން ބަލަހައްޓާ ފައުޖުތަކުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އަދި، ހާލަތާއި ނުބައްދަލު ހަތިޔާރު ބޭނުން ކުރަމުންނެވެ. ސިފައިންނާއި ފުލުހުން ދީފައިވާ ބަޑީގެ ހަމަލާތަކުގައި އެތަކެއް ބަޔެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލުން ވަނީ އީރާން ސަރުކާރުގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި، 47 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލުން ވަނީ، އީރާނުގެ ސަރުކާރުން ހިންގަމުންދާ އިންސާނީ ހައްޤުތަކާ ޚިލާފު އަމަލުތައް ތަހުޤީޤު ކުރަން ފާސް ކޮށްފައެވެ. ނަމަވެސް، މި ކަމަށް ބައެއް ޤައުމުތަކުން ފިއްތުންތައް ކުރިމަތި ކޮށްފައިވެއެވެ.

މި ކަމާ ގުޅޭ ގޮތުން ކައުންސިލުގައި ނެގި ވޯޓު ފާސްވީ 25 މެންބަރުންގެ ތާޢީދާ އެކުގައެވެ. 16 ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. އަދި، ހަ ޤައުމަކުން ވަނީ ޤަރާރާ ދެކޮޅަށް ވޯޓު ލާފައެވެ. އެއީ، އަރުމީނިޔާ، ޗައިނާ، ކިޔުބާ، އެރިޓްރިޔާ، ޕާކިސްތާން އަދި ވެނެޒުއެލާއެވެ.

އީރާނުގައި ހިނގަމުންދާ މުޒާހަރާތަކަށް ދެ މަސް ފުރިފައިވާއިރު، މި މައްސަލަ ބެލުމަށް އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލަށް ހުށަހަޅާފައި ވަނީ ޖަރުމަނު ވިލާތާއި އައިސްލެންޑު ގުޅިގެން، 50 ޤައުމެއްގެ ތާޢީދާ އެކުގައެވެ. މަޙްސާ ހައްޔަރު ކޮށްފައި ވަނީ އިސްލާމީ ޝަރީޢަތާ ޚިލާފުވުމުގެ ތުހުމަތުގައި ކަމަށް އީރާނުން ބުނެއެވެ.

މަޙްސާގެ މަރާ ގުޅިގެން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމުގެ ނަމުގައި އީރާނުގެ ފުލުހުންނާއި ސިފައިން ހިންގާފައިވާ އަމަލުތަކުގައި 300އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމުގައި އ.ދ.އިން ބުނެއެވެ. ނަމަވެސް، އިންސާނީ ހައްޤުތައް ހިމާޔަތް ކުރަން ވަކާލާތު ކުރާ ނޯވޭގެ ޖަމުޢިއްޔާއަކުން ބުނީ މި އަދަދު 400އަށްވުރެ މައްޗަށް އަރާ ކަމުގައެވެ. އަދި، މަރުވެފައިވާ މީހުންގެ ތެރޭގައި 50އަށްވުރެ ގިނަ ކުޑަކުދިން ވެސް ހިމެނޭ ކަމުގައެވެ.