ކުޅިވަރު

ސާބިއާ ބަލިކޮށް ވަރުގަދަ ބްރެޒިލަށް ރަނގަޅު ފެށުމެއް


ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގައި ވަރުގަދަ ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުގައި ސާބިއާ ބަލިކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު ބްރެޒިލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ބްރެޒިލުން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި ސާބިއާގެ ހާފަށް ނުރައްކާކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައިވެސް ބްރެޒިލަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެ ޓީމުގެ ނޭމާ އާއި ވިނީޝީއަސް ޖޫނިއާއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ބްރެޒިލްގެ ފަރާތުން ގިނަ އެޓޭކްތަކެއް ފެނިގެންދިޔައިރު، މެޗުގެ 62 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރިޗާލްސަންއެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި ރިޗާލްސަން ވަނީ ހިތްގައިމު ލަނޑެއް ޖަހާ ބްރެޒިލްގެ ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ވިނީޝިއަސްގެ އެހީތެރިކަމާއެކުގައެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ބްރެޒިލުން ނިކުންނާނީ ސްވިޓްޒަލެންޑާއި ދެކޮޅަށެވެ. އަދި މި މެޗުން ބަލިވި ސާބިއާ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ނުކުންނާނީ ކެމަރޫންއާ ދެކޮޅަށެވެ.