ކުޅިވަރު

ގައުމީ ވޮލީބޯޅަ ޓީމުތައް ތަމްރީނުތަކަށް ސައުދީއަށް


ކުރިން މި އަންނަ މަހު ބޭއްވުމަށް ތާވަލުކުރި ސެންޓްރަލް ޒޯން ވޮލީބޯލް މުބާރާތް ބޭއްވޭނެކަމާމެދު ޝައްކު އުފެދިފައިވަނިކޮށް، ގައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމުތައް ތަމްރީނުތަކަށް ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.

މިއަހަރު މެދުތެރެއިން ފެށިގެން ގައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމުން އަންނަނީ ސެންޓްރަލް ޒޯން ވޮލީ މުބާރާތައް ތައްޔާރުވާން ފަރިތަކުރުންތައް ފަށާފައެވެ. އެގޮތުން ގައުމީ ފިރިހެން ޓީމުގެ ކޯޗަކަށް ބްރެޒިލްގެ ކޯޗަކުވެސް ވަނީ ހަމަޖައްސާފައެވެ. އަދި އަންހެން ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު އިބްރާހީމް ނިޒާރު ހަމަޖައްސާފައެވެ.

ގައުމީ ޓީމުތަކުން ސައުދީއަށް ތަމްރީނުތަކަށް، ފުރާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެގޮތުން 14 ދުވަހުގެ ތަމްރީނުތަކެއް ސައުދީގައި، ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި މިއީ ކުރިއަށް އޮތް ސެންޓްރަލް ޒޯން މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކުރާ ތަމްރީނު ދަތުރެކެވެ.

މި ދަތުރަކީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި ކުޅިވަރާ ބެހޭ ވުޒާރާއިން ކުރި މަސައްކަތުން ލިބުނު ދަތުރެކެވެ. މި ދަތުރުގައި ވޮލީ ޓީމު ކުޅުންތެރިންގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ އޮފިޝަލުން ބައިވެރިވެއެވެ.

އެކަމަކު އިތުބާރު ހުރި މަސްދަރަކުރުން ޕީއެސްއެމް ސްޕޯޓްސް އަށް ބުނީ ސެންޓްރަލް ޒޯން ވޮލީ މުބާރާތް އަންނަ މަހު ނުބޭއްވޭނެ ކަމަށެވެ. އެކަމަކު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ މި އަންނަ މަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ރާއްޖޭގައި ނުބޭއްވިއްޖެނަމަ ވޮލީގެ ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ބާއްވާނެ ކަމަށް ކުޅުންތެރިންގެ ގާތު ވިދާޅުވެފައެވެ.