ޚަބަރު

ބިންހެލުމެއްގައި ތުރުކީވިލާތުން 50 މީހުން ޒަޚަމުވެއްޖެ


ތުރުކީ ވިލާތުގެ ހުޅަނގުއުތުރުގެ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން 50 މީހުން ޒަޚަމުވެއްޖެއެވެ. ރިކްޓަރ މިންގަނޑުން 5.9ގެ ބާރުމިނުގައި ބިންހެއްލުން އައިސްފައި ވަނީ ވެރިރަށް އިސްތަންބޫލާ 170 ކިލޯމީޓަރު އުތުރުގައިވާ ޑުޜާ އަދި ސަކަރްޔާ ޕުރޮވިންސަށެވެ.

މި ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އިސްތަންބޫލަށެވެ. މި ބިންހެލުމާ ގުޅިގެން 50 މީހަކަށް އަނިޔާވި ނަމަވެސް، ސީރިޔަސް އަނިޔާތަކެއް ލިބިފައި ވަނީ އެންމެ މީހަކަށެވެ. އޭނާއަށް އަނިޔާވީ، ބިންހެލުން އައުމުން އޭނާ ދިރިއުޅޭ ޢިމާރާތުން އަވަހަށް ނިކުތުމަށް ބެލްކަނީއިން ފުންމައިލުމުގެ ސަބަބުންނެވެ.

ބިންހެލުމާ ގުޅިގެން 8,000އަށްވުރެ ގިނަ ޢިމާރާތަށް އެކިވަރުގެ ގެއްލުންތައް ލިބުނު ނަމަވެސް، އެއްވެސް ޢިމާރާތަކަށް ބޮޑު ގެއްލުމެއް ނުވާ ކަމުގައި އެ ޤައުމުގެ ދާޚިލީ ވަޒީރު ސުލައިމާން ސޮއިލޫ ވިދާޅުވިއެވެ. އޭނާ ވަނީ ބިންހެލުމުގައި ގެއްލުން ލިބުނު ސަރަޙައްދުތަކަށް ޒިޔާރަތް ކުރައްވާފައެވެ.

މި ހާދިސާއާ ގުޅިގެން ޑުޜާއާއި ސަކަރްޔާގެ ސްކޫލްތައް ވަނީ ބަންދު ކޮށްފައެވެ. އަދި، ބިންހެލުމާ އެކު އިތުރު ލޮޅުންތައް އަންނާނެ ކަމުގެ އިންޒާރު ދީފައި ވާތީ، ގިނަ އަދަދެއްގެ ބަޔަކު ރޭގަނޑު ނިދާފައި ވަނީ މަގުތައް މަތީގައެވެ. ބިންހެލުމަށް ފަހު އެ ސަރަޙައްދަށް އިތުރު 101 ލޮޅުން އަރާފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ބުނެއެވެ.

1999ވަނަ އަހަރު ވެސް ޑުޜާއަށް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އެ ހާދިސާގައި 17,000އަށްވުރެ ގިނަ މީހުން މަރުވިއެވެ. މީގެ ތެރޭގައި އިސްތަންބޫލުގައި މަރުވި 1,000އަށްވުރެ ގިނަ މީހުން ވެސް ހިމެނެއެވެ. އެއީ، ތާރީޚު ބަލަހައްޓަން ފެށި ފަހުން އެ ޤައުމަށް އައިސްފައިވާ އެންމެ ނުރައްކާތެރި ބިންހެލުމެވެ.

2020ވަނަ އަހަރު ޖަނަވަރީ މަހު ވެސް ތުރުކީ ވިލާތުގެ ރަށެއް ކަމުގައިވާ އެލާޒިގްއަށް ރިކްޓަރ މިންގަނޑުން 6.8ގެ ބާރުމިނުގައި ބިންހެލުމެއް އައެވެ. އެ ހާދިސާގައި 40 މީހުން މަރުވިއެވެ. އަދި، އެ އަހަރުގެ އޮކްޓޫބަރު މަހު އޭޖިޔަން ކަނޑުގެ ސަރަޙައްދަށް ރިކްޓަރ މިނގަނޑުން 7ގެ ބާރުމިނުގައި އައި ބިންހެލުމަކާ ގުޅިގެން 114 މީހުން މަރުވިއެވެ. އަދި، 1,000އަށްވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ.