ޚަބަރު

ޖާވާގައި ވެއްޓިފައިވާ ޢިމާރާތެއްގެ ދަށުން ހަ އަހަރުގެ ކުއްޖެއް ސަލާމަތްކޮށްފި


އިންޑޮނީޝިޔާގެ ހުޅަނގު ޖާވާ ޕުރޮވިންސަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓިފައިވާ ޢިމާރާތެއްގެ ދަށުން ހަ އަހަރުގެ ކުއްޖަކު ދިރިހުއްޓާ ސަލާމަތް ކޮށްފިއެވެ. ހަ އަހަރުގެ ކުއްޖާއާ އެކު އަންހެނެއް ވެސް ވަނީ ވެއްޓިފައިވާ ޢިމާރާތެއްގެ ދަށުގައި، ގައުކުނޑިތަކުގެ ދަށުން ސަލާމަތް ކޮށްފައެވެ.

ނޮވެންބަރު 21ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 272އަށް އަރާފައެވެ. ރިކްޓަރ މިންގަނޑުން 5.6ގެ ބާރުގަދަ ބިންހެލުމުގައި 1,000އަށްވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ. އަދި، އެތަކެއް ހާސް ޢިމާރާތެއް ވަނީ ވެއްޓިފައެވެ. 150 ވަރަކަށް މީހުން އަދިވެސް ނުފެންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ބިންހެލުމާ ގުޅިގެން ވެއްޓުނު ޢިމާރާތްތަކާއި، ބިންގަނޑު ކަނޑައިގެން ދިޔުމާ ގުޅިގެން ގެއްލިފައިވާ ކަމަށް ބެލެވޭ މީހުން ހޯދާ، އެ މީހުން ސަލާމަތް ކުރުމަށް އޮފިޝަލުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ބިންހެލުމުގައި ގިނަ އަދަދެއްގެ މަގުތަކަށް ވެސް ގެއްލުން ލިބުމާ ގުޅިގެން، ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ.

މި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ޝިއަންޖުރު ކިޔާ ރަށަކަށެވެ. ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ ޖަނާޒާތައް ބާއްވަން އެ ރަށުގައި މިހާރު ވަނީ ފަށާފައެވެ. ބިންހެލުމުގައި ގެއްލުން ލިބުނު ސަރަޙައްދުތަކަށް އެ ޤައުމުގެ ރައީސް ޖޯކޯ ވިދޯދޯ ވަނީ ޒިޔާރަތް ކުރައްވާފައެވެ.

މި ބިންހެލުމަށް ފަހު ޝިއަންޖުރު އޮންނަ ސަރަޙައްދަށް 62 ފަހަރެއްގެ މަތިން އިތުރު ލޮޅުންތައް އަރާފައިވާ ކަމުގައި އިންޑޮނީޝިޔާގެ ބިންހެލުންތަކާ ގުޅޭ އިދާރާއިން ބުނެއެވެ. ޝިއަންޖުރުއަކީ 175,000 މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަޙައްދެކެވެ. ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު ވެރިރަށް ޖަކަރްތާއަށް ވެސް ކުރިއެވެ.

އިންޑޮނީޝިޔާ އޮންނަނީ "ރިންގް އޮފް ފަޔަރ"ގެ ނަމުން މަޝްހޫރު އަލިފާން ފަރުބަދަތައް ގިނަ، އަދި ބިންހެލުންތައް ޢާންމު ސަރަޙައްދެއްގައެވެ. އަދި، ދެ ބައްރުގެ "ޓެކްޓޯނިކް ޕްލޭޓް" ގުޅޭ ހިސާބުގައެވެ. 2021ވަނަ އަހަރުގެ ޖަނަވަރީ މަހު އިންޑޮނީޝިޔާގެ ސުލަވެސީއަށް އައި ރިކްޓަރ މިންގަނޑުން 6.2ގެ ބާރުގަދަ ބިންހެލުމެއްގައި 100އަށްވުރެ ގިނަ މީހުން މަރުވެ، އެތަކެއް ހާސް ބަޔެއްގެ ގެދޮރު ހަލާކުވިއެވެ.