ކުޅިވަރު

ދެކުނު ކޮރެއާއިން ވަރުގަދަ އުރުގުއޭ މޮޅުވިޔަނުދީ ހިފަހައްޓައިފި


ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގައި ދެކުނު ކޮރެއާއިން ވަރުގަދަ އުރުގުއޭ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ގަތަރުގެ އެޑިއުކޭޝަން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 25 ވަނަ މިނެޓުގައި ކޮރެއާގެ ކެޕްޓަން ސޮން ހިއުން މިން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އުރުގުއޭ ޑިފެންޑަރުން ވަނީ ހުށިޔާރުކަމާއެކު ސޮންގެ ހަމަލާ ހުއްޓުވާފައެވެ.

އޭގެ ފަހުން މެޗުގެ 42 ވަނަ މިނެޓުގައި އުރުގުއޭގެ ގޯޑިން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ދެވަނަ ހާފުގައި އުރުގުއޭގެ ޑާވިން ނޫނޭޒް އާއި އެޑިސަން ކަވާނީއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މީގެ އިތުރުން މެޗު ނިމެން ކައިރިވެފައިވަނިކޮށް އުރުގުއޭގެ މިޑްފިލްޑަރު ވަލްވާޑޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން ކޮރެއާގެ ސޮން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މި ގްރޫޕުގައި ހިމެނޭ ޓީމުތަކަކީ ދެކުނު ކޮރެއާ އާއި އުރުގުއޭގެ އިތުރުން ޕޯޗުގަލް އަދި ގާނާއެވެ.