ޚަބަރު

ސައްހަނޫން ޑޮލަރުން ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި


ސައްހަނޫން ޑޮލަރުން ފުޅާ ދާއިރާއެއްގައި ވިޔަފާރީގެ މުއާމަލާތް ކުރަމުންދިޔަ ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި ހުޅުމާލެއިންނެވެ.

މިއޮޕަރޭޝަނުގައި، ހުޅުމާލެ މަގުމަތިން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެކެވެ.

މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު އެ ދެ މީހުންނަށްވެސް ދީފައިވެއެވެ.

މި މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން އިތުރަށް ގެންދަނީ ތަހުގީގުކުރަމުންނެވެ.