ޚަބަރު

"މުޙައްމަދު ބިން ޒައިދް ޔުނިވަރސިޓީ"ގެ އަހަރީ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ


އިސްލާމީ ތަޢުލީމުގެ ދާއިރާގެ އިސްވެރިންނަށް ޚާއްސަކޮށް ޔޫއޭއީ، އަބޫދާބީގެ "މުޙައްމަދު ބިން ޒައިދް ޔުނިވަރސިޓީ"އިން، ބާއްވާ ބައިނަލްއަޤްވާމީ އަހަރީ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން އިސްލާމިކް މިނިސްޓްރީއާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އާއި ވިލާކޮލެޖުން ބައިވެރިވެއެވެ.

މިފަހަރުގެ ކޮންފަރެންސް ކުރިއަށްގެންދަނީ "ރައްޔިތުކަމާއި، އެއްތަނެއްގައި ދިރިއުޅުމުގެ އަގުތައް ކުރިއެރުވުމާ ދިމާއަށް" މިމައުޟޫއަށެވެ.

މި ވަފްދުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް އިލްޔާސް ޖަމާލުއެވެ. މުޙައްމަދު ބިން ޒައިދް ޔުނިވަރސިޓީންވަނީ، މި ސެމިނަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރެއްވުމުގެ ފުރުޞަތު ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް އިލްޔާސް ޖަމާލުއަށް ދެއްވާފައެވެ.

އެ ޔުނިވަރސިޓީއިން ރާއްޖެއަށް ދެއްވި ދަޢުވަތުގައި، ދެން މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާގެ ޑީން ޑރ. ޢަބްދުއް ސައްތާރު އާއި ވިލާ ކޮލެޖުގެ ފަރާތުން ރެކްޓަރ ޑރ. އަޙްމަދު އަންވަރު އާއި ވައިސް ރެކްޓަރ ޑރ އަލީ ނަޖީބުއެވެ.

މިއީ 2 ދުވަހުގެ މުއްދަތައް ކުރިއަށްދާ ކޮންފަރެންސްއެވެ.

މިއީ ދުނިޔޭގެ އެކި ޔުނިވަރސިޓީތަކުގެ ރައީސުންނާއި އިލްމުވެރިންނާއި ސްޕެޝަލައިޒްޑް ޕްރޮފެސަރުން ބައިވެރިވާ ކޮންފަރެންސްއެކެވެ. މިކޮންފަރެންސްގެ އެންމެ މުހިންމު ބޭނުމަކީ ޔުނިވަރސިޓީތަކުގެ މެދުގައި އިސްލާމީ ދިރާސާތަކާ ގުޅޭގޮތުން މަޢުލޫމާތު ބަދަލުކޮށް މި ދާއިރާއިން އިތުރަށް ދިރާސާކުރުމަށް ބާރުއެޅުމެވެ.

އަދި އިސްލާމީ ދިރާސާގެ ދާއިރާތަކުން ތަޖުރިބާ ހޯދުމާއި، ދިރާސާގެ މަންހަޖުތަކާއި ކިޔަވައިދިނުމުގެ އުސޫލުތަކުގެ ފެންވަރު ރަނގަޅުކޮށް، އެކަންކަން އަލުން ބިނާކޮށް އިތުރަށް ތަރައްޤީކުރުންވެސް މި ކޮންފަރެންސްގެ ބޭނުމުގެ ތެރޭގައި ހިމެނެއެވެ.

އަދި އެކިއެކި ނަޒަރިއްޔާތުތައް މުރާޖަޢާކޮށް، ތަފާތު ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް، މި މައުޟޫޢުގައި ތަޞައްވުރެއް އުފެއްދުމަކީވެސް މިކޮންފަރެންސްގެ ބޭނުމެކެވެ.