ޚަބަރު

މެލޭޝިޔާގެ އައު ބޮޑުވަޒީރަކީ އަންވަރު އިބްރާހީމް


މެލޭޝިޔާގެ އައު ބޮޑުވަޒީރު ކަމުގެ މަޤާމަށް އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް އިންތިޚާބު ކޮށްފިއެވެ. މެލޭޝިޔާގެ ރަސްގެފާނު، ރަސްމީ ކޮށް އަންވަރާ ބޮޑުވަޒީރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތައް ހަވާލު ކުރެއްވީ ނޮވެންބަރު 24ވަނަ ދުވަހުއެވެ. އަދި، މިއަދު އޭނާ ބޮޑުވަޒީރު ކަމުގެ މަޤާމުގެ ހުވާ ކުރައްވާނެއެވެ.

މިއީ، 30 ވަރަކަށް އަހަރުގެ އިންތިޒާރަކަށް ފަހު އަންވަރު މެލޭޝިޔާގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބުވި ފުރަތަމަ ފަހަރެވެ. އަންވަރާ ބޮޑުވަޒީރު ކަމުގެ މަޤާމު ހަވާލު ކޮށްފައި މި ވަނީ ނޮވެންބަރު 19ވަނަ ދުވަހު މެލޭޝިޔާގައި ބޭއްވި ޢާންމު އިންތިޚާބުގެ ނަތީޖާގައި ކާމިޔާބީ ލިބިފައިވާ ފަރާތަކާ މެދު ސުވާލު އުފައްދަމުން ދިޔަ ދަނޑިވަޅެއްގައެވެ.

އަންވަރުގެ "އެލަޔަންސް އޮފް ހޯޕް" ޕާޓީގެ އިތުރުން ކުރީގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންގެ "ނޭޝަނަލް އެލަޔަންސް" ޕާޓީން ވެސް ވަނީ އިންތިޚާބުގައި ކާމިޔާބީ ލިބިފައިވާ ކަން އިޢުލާނު ކޮށްފައެވެ. އިންތިޚާބުގެ ނަތީޖާއަށް ބަލައިލާއިރު، ދެ ޕާޓީއަށް ވެސް އައު ސަރުކާރެއް އެކުލަވައިލަން ބޭނުންވާ މިންވަރަށް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އުމުރުން 75 އަހަރުގެ އަންވަރު ވަނީ 1990ގެ އަހަރުތަކުގެ ތެރޭގައި މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމު ފުރުއްވާފައެވެ. 2018ވަނަ އަހަރު ވެސް އޭނާ ވަނީ ބޮޑުވަޒީރު ކަމުގެ މަޤާމާ ވަރަށް ގާތަށް ޖެހިވަޑައިގަންނަވާފައެވެ. ނަމަވެސް، މިއީ އެ މަޤާމާ އޭނާ ހަވާލުވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އަންވަރު ވަނީ ޖިންސީ ކުށެއްގެ އިތުރުން ކޮރަޕްޝަންގެ ކުށެއްގައި ޖަލު ހުކުމެއް ވެސް ތަންފީޒު ކުރައްވާފައެވެ. އެއީ، ސިޔާސީ ގޮތުން އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމްތަކެއް ކަމުގައި އޭނާ ދަނީ ވިދާޅުވަމުންނެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު މެލޭޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ 219 ގޮނޑީގެ ތެރެއިން އަންވަރުގެ ޕާޓީން ވަނީ 82 ގޮނޑި ކާމިޔާބު ކޮށްފައެވެ. މުޙްޔިއްދީންގެ ޕާޓީއަށް ލިބިފައި ވަނީ 73 ގޮނޑިއެވެ. އަދި، ޖަލުގައި އޮންނެވި ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (ޔޫ.އެމް.އެން.އޯ)އަށް ލިބިފައި ވަނީ 30 ގޮނޑިއެވެ.