ޚަބަރު

ހުޅުމާލޭގައި ގެސްޓްހައުސްތަކަށް ޚާއްސަ ބީޗް ސަރަހައްދެއް ކަނޑައަޅަނީ


ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ޚާއްސަ ބީޗް ސަރަހައްދެއް ކަނޑައަޅަން ނިންމާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ގެސްޓްހައުސްތަކަށް ޚާއްސަ ބީޗް ސަރަހައްދު ކަނޑައަޅާނީ ވޯޓާ ތީމް ޕާކު ތަރައްޤީކުރުމަށް ދީފައިވާ ސަރަހައްދާއި ދިމާލުން އޮންނަ ބީޗު ސަރަހައްދުންކަމަށް އެޗްޑީސީން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗްޑީސީގެ އޮފިޝަލަކު ވީދާޅުވީ މިމަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ހުޅުމާލޭގައި ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށް، އެވިޔަފާރި އިތުރަށް ފުޅާކުރުމަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުންކަމަށެވެ.

ހުޅުމާލޭގައި ގެސްޓް ހައުސްތަކަށް ހާއްސަ ބީޗް ސަރަހައްދެއް ޤާއިމްވެފައިނެތުމަކީ ގެސްޓް ހައުސް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމެކެވެ. މިކަމުން އަރައިގަނެ މިވިޔަފާރި ފުޅާކުރުމަށް ގެސްޓް ހައުސް އެސޯސިއޭޝަނާއެކު ސަރުކާރުން ދަނީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ.

ހުޅުމާލެއަކީ ގިނަ އަދަދެއްގެ ގެސްޓް ހައުސްތައް ހިންގަމުންދާއިރު ބޭރުގެ ފަތުރުވެރިން ގިނަ އަދަދަކަށް ހުޅުމާލޭގެ ގެސްޓް ހައުސްތަކަށް ޒިޔާރަތްކުރެއެވެ. އަދި ބައެއް ހާލަތްތަކުގައި ދުރު ރިސޯޓްތަކަށް ދަތުރުކުރާ ފަތުރުވެރިން ހުޅުމާލޭގައި މަޑުކުރުމަށްފަހުވެސް ރިސޯޓްތަކަށް ދަތުރުކުރެއެވެ.

ސަރުކާރުން ދަނީ ގެސްޓްހައުސްފަދަ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ވިޔަފާރި އިތުރަށް ފުޅާކުރުމަށް ގެސްޓް ހައުސްތައް އިޝްތިހާރުކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ކަމާބެހޭ ފަރާތްތަކުން ދަނީ ރާއްޖެއިން ބޭރުގައި ބާއްވާ އެކި އެކި ފެއަރތަކުގައި ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރި ޕްރޮމޯޓްކުރަމުންނެވެ. އަދި މި ދާއިރާ އިތުރަށް ފުޅާކޮށް، ވިޔަފާރި ފެށުމަށް ސަރުކާރުން ދަނީ ކުދި ވިޔަފާރިއަށް ޢަމާޒުކޮށް ލޯނު އެހީވެސް ފޯރުކޮށްދެމުންނެވެ.