ޚަބަރު

ކާތިކްގެ "ޝެހެޒާދާ" ފެބްރުއަރީ 10ގައި، ޓްރެއިލަރ މިއޮތީ


ކުރިން މި މަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމު "ޝެހެޒާދާ" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ރިލީޒްކުރުން މިހާރު އަންނަ އަހަރު ފެބްރުއަރީ މަހު 10 ވަނަ ދުވަހަށް ފަސްކޮށްފައިވާ މި ފިލްމަކީ އެކްޓަރު ވަރޫން ދަވަންގެ ބޭބެ ރޯހިތު ދަވަންގެ 3 ވަނަ ޑައިރެކްޝަނެވެ. ދެހާސް އެގާރައިގެ "ދޭސީ ބޯއިސް" އިން ޑައިރެކްޝަނަށް ނުކުތް ރޯހިތު އެންމެ ފަހުން ގެނެސްދިނީ ވަރޫން އާއި ޖޯން އަބްރަހަމް ކުޅުނު 2016 ގެ "ޑިޝޫމް" އެވެ.


ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ "ޝެހެޒާދާ" އަކީ މިދިޔަ އަހަރުގެ ތެލެގޫ ބޮޑު ހިޓް "ޕުޝްޕާ" ގެ ބަތަލު އައްލޫ އަރުޖުންގެ 2020 ވަނަ އަހަރު ދެއްކި ކާމިޔާބު އެކްޝަން ފިލްމު "އަލާ ވައިކުންތަޕުއްރަމުލޫ" ގެ ރިމޭކެކެވެ. ކާތިކާ އާރިޔާނާއެކީ ފިލްމުގެ ބަތަލާގެ ރޯލު ކުޅެފައި ވަނީ ކްރިތީ ސެނަން އެވެ. މި ދެމީހުން އެކުގައި ވަނީ 2019 ވަނަ އަހަރު ދެއްކި "ލުއްކާ ޗުއްޕީ" ވެސް ކުޅެފައެވެ.

"ޝެހެޒާދާ" ކާސްޓްގައި މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލް އަދި ރޯނިތު ރޯއި ވެސް ހިމެނެއެވެ. މީގެ ޓްރެއިލާ ދައްކާލާފައި ވަނީ ކާތިކަށް 32 އަހަރު ފުރުމާއި ދިމާކޮށެވެ.

މި އަހަރުގެ އެންމެ ހިނގި ހިންދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޫލް ބުލައްޔާ 2" ގެ ބަތަލުގެ ކާތިކްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 2 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓަރ އިން ރިލީޒްކުރަން ނިންމާފައިވާ ތުރިލާ ފިލްމު "ފްރެޑީ" އެވެ.