ޚަބަރު

އީރާނުން ވެސް އިރާޤުގައި އުޅޭ ކުރުދީންނަށް ހަމަލާ ދެނީ


އިރާޤުގެ އުތުރުގައިވާ ފަރުބަދަމަތީ ސަރަޙައްދުތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއްދީފިއެވެ. މި ހަމަލާތައް އަމާޒު ކޮށްފައި ވަނީ އިރާޤުގެ ރަށެއް ކަމުގައިވާ އަރްބިލް ކައިރީގައި އޮންނަ ކޮޔާއާއި ޖެންކިނަންއަށެވެ. އެއީ، ޑިމޮކްރެޓިކް ޕާޓީ އޮފް އީރާނިއަން ކުރުދިސްތާން (ޕީ.ޑީ.ކޭ.އައި) ޕާޓީއަށް ނިސްބަތްވާ މީހުން ދިރިއުޅޭ ދެ ސަރަޙައްދެކެވެ.

އީރާނުން އިރާޤުގައި ހަރަކާތްތެރިވާ ކުރުދީންގެ އަމާޒުތަކަށް ހަމަލާ ދޭން ފަށާފައި ވަނީ، އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތަކާ ގުޅުވައިގެންނެވެ. އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ޢާންމު ރައްޔިތުން ތެދުވީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 22 އަހަރުގެ އަންހެއް ކުއްޖެއް ކަމުގައިވާ މަޙްސާ އަމީނީ މަރުވުމާ ގުޅިގެންނެވެ. އެއީ، ކުރުދީ ދަރިކޮޅަށް ނިސްބަތްވާ ކުއްޖެކެވެ. އަމީނީގެ މަރާ ގުޅިގެން ސަރުކާރާ ދެކޮޅަށް ފަށާފައިވާ މުޒާހަރާތަކުގެ ފަހަތުގައި ވަނީ ކުރުދީން ކަމުގައި އީރާނުން ތުހުމަތު ކުރެއެވެ.

ޕީ.ޑީ.ކޭ.އައި.ގެ އިތުރުން އިރާޤުގައި ހަރަކާތްތެރިވާ "ކޮމަލަ" ކިޔާ ޕާޓީއަކަށް ނިސްބަތްވާ މީހުން ދިރިއުޅޭ އަމާޒުތަކަށް ވެސް އީރާނުން ވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އެކަކު މަރުވެފައިވާ ކަމުގައި ކުރުދީން ބުނެއެވެ. އަދި، މި ހަމަލާތަކުގައި އެކަކު މަރުވެފައިވާ ކަމުގައި ޕީ.ޑީ.ކޭ.އައި. ޕާޓީން ބުނެއެވެ.

އިރާޤުގެ އުތުރުގައި ދިރިއުޅޭ ކުރުދީ ދަރިކޮޅު މީހުން ނިސްބަތްވާ ޕާޓީތަކާއި، ކުރުދީންގެ ހަތިޔާރު އެޅި ޖަމާޢަތްތަކަކީ ޓެރެރިސްޓުންގެ ގޮތުގައި އީރާނުން ދެކެއެވެ. ކުރުދީން ދިރިއުޅޭ ސަރަޙައްދުގެ ސަރުކާރުންގެ އިތުރުން އިރާޤުގެ މައި ސަރުކާރުން ވެސް ވަނީ އީރާނުގެ ހަމަލާތައް ކުށްވެރި ކޮށްފައެވެ.

އިރާޤުގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ޤައުމަކީ ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައި އީރާނުން ބޭނުން ކުރަމުންދާ ކަމުގައެވެ. އަދި، އެ ޤައުމަކީ އެ ސަރަޙައްދުގެ އެހެން ޤައުމުތަކަށް އޮތް ނުރައްކަލެއް ނޫން ކަމުގައި ވެސް ޚާރިޖީ ވުޒާރާއިން ބުނެއެވެ. ކުރުދީންނަކީ، އީރާނުގެ އެންމެ ބޮޑު އަދާވާތްތެރިޔާ ކަމުގައިވާ އެމެރިކާއިން ވާގިވެރިވެދޭ ބަޔެއް ކަމުގައި އީރާނުން ތުހުމަތު ކުރެއެވެ.

އެމެރިކާއިން ވެސް ވަނީ، އިރާޤުގެ ސަރަޙައްދަތަށް ވަދެ އީރާނުން ދެމުންދާ ހަމަލާތައް ކުށްވެރި ކޮށްފައެވެ. އަދި، މި ފަދަ ހަމަލާތަކުގެ ސަބަބުން އިރާޤުގެ މިނިވަން ކަމާއި ސިޔާދަތު ގެއްލޭ ކަމަށާއި، އިރާޤުގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގެ ސުލްޙަމަސަލަސް ކަން ގެއްލިފައިވާ ކަމުގައި ވެސް އެމެރިކާއިން ބުނެއެވެ.

އ.ދ.އިން ވެސް ވަނީ އީރާނުގެ އަމަލުތައް ކުށްވެރި ކޮށްފައެވެ. އަދި، އިރާޤުގެ މިނިވަން ކަމާއި ސިޔާދަތަށް އަރައިގަތުން ހުއްޓައިލުމަށް އ.ދ.އިން ވަނީ ގޮވައިލާފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރު ކަންނާނީ ވިދާޅުވީ، އިރާޤަކީ އީރާނަށް ހަމަލާ ދޭން ބޭނުން ކުރާ ތަނަކަށް ހެދުން ހުއްޓުވަން ޖެހޭ ކަމުގައެވެ.

އަދި، އިރާޤުގެ ކުރުދީން ދިރިއުޅޭ ސަރަޙައްދުތަކަކީ އީރާނަށް ހަމަލާދިނުމަށް ހަތިޔާރު ފޯރުކޮށްދޭ ސަރަޙައްދެއް ކަމަށާއި، އެ ކަން ހުއްޓުވުމުކީ އިރާޤު ސަރުކާރުގެ ޒިންމާއެއް ނަމަވެސް، އެ ކަން ކުރަމުންދާ ނުދާ ކަމުގައި ވެސް ކަންނާނީ ވިދާޅުވިއެވެ.

އީރާނުގެ އިތުރުން ތުރުކީ ވިލާތުން ވެސް ދަނީ އިރާޤުގެ އުތުރުގައި ކުރުދީން ދިރިއުޅޭ ސަރަޙައްދުތަކަށް ވައިގެ ހަމަލާ ދެމުންނެވެ. ތުރުކީގެ ހަމަލާތައް ފެށީ އިސްތަންބޫލުގައި ބޮމެއް ގޮއްވައިލާ ހަ މީހުން މަރައިލި ހާދިސާއާ ގުޅިގެން، އެ ކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. ބޮމުގެ ހަމަލާގެ ފަހަތުގައި ވަނީ ކުރުދީން ކަމަށް ތުރުކީ ވިލާތުން ވެސް ތުހުމަތު ކުރެއެވެ.