ޚަބަރު

ކުރުދީންނާ ހަނގުރާމަކުރަން ސޫރިޔާއަށް ސިފައިން ފޮނުވަން ޖެހިދާނެ: އުރްދުޣާން


ސޫރިޔާގެ އުތުރުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ކުރުދީ ޖަމާޢަތްތަކާ ހަނގުރާމަ ކުރަން ތުރުކީ ވިލާތުގެ ސިފައިން އެ ޤައުމަށް ފޮނުވަން ޖެހިދާނެ ކަމަށް ވިދާޅުވެ، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. ނޮވެންބަރު 13ވަނަ ދުވަހު ތުރުކީގެ ވެރިރަށް އިސްތަންބޫލުގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން، ތުރުކީގެ އަސްކަރިއްޔާއިން ވަނީ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ މަގުން ހަމަލާދޭން ފަށާފައެވެ.

އިސްތަންބޫލުގެ އިސްތިޤުލާލް އެވެނިޔުގައި ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ވަނީ އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކުރުދިސްތާން ވަރކަސް ޕާޓީ (ޕީ.ކޭ.ކޭ)ގެ ހަނގުރާމަވެރިން ކަމަށް ތުރުކީ ވިލާތުން ތުހުމަތު ކުރެއެވެ. އަދި، އެ ޤައުމުގެ ވައިގެ ސިފައިން ދަނީ، ސޫރިޔާއާއި އިރާޤުގެ އުތުރުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ވައިގެ ހަމަލާ ދެމުންނެވެ.

ޕީ.ކޭ.ކޭ.ގެ އިތުރުން ކަރޑިޝް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައި.ޕީ.ޖީ)ގެ ހަނގުރާމަވެރިން ވެސް ވަނީ އިސްތަންބޫލުގައި ދިން ބޮމުގެ ހަމަލާގައި ބައިވެރި ނުވާ ކަމަށް ބުނެފައެވެ. ނަމަވެސް، އެ މީހުންނަށް އަމާޒުކޮށް ތުރުކީގެ އަސްކަރީ މަތިންދާބޯޓުތަކުން ބޮން އަޅަން ފެށުމުން، އެ ޖަމާޢަތްތަކުން ވެސް ވަނީ ތުރުކީ ވިލާތުގެ ރަށްތަކަށް އަމާޒުކޮށް ރޮކެޓް ހަމަލާ ދޭން ފަށާފައެވެ. މި ހަމަލާތަކުގައި ދެ މީހަކު މަރުވިއެވެ.

މި ކަމާ ގުޅިގެން މަސްރަޙު އިތުރަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި، އުރުދުޣާން ވިދާޅުވީ، ކުރުދީންނާ ހަނގުރާމަ ކުރަން ސޫރިޔާއަށް ސިފައިން ފޮނުވަން ފަސް ނުޖެހޭނެ ކަމުގައެވެ. "ވައިގެ ހަމަލާތަކަކާ އެކު މި އޮޕަރޭޝަން ނިންމައިލެވޭ ކަށް ނެތް. ތުރުކީ ވިލާތާ ތޮޅެން މަސައްކަތް ކުރާ މީހުންނަށް ހައްޤު އަދަބު ދޭނަން،" އުރުދުޣާން ވިދާޅުވިއެވެ.

އިސްތިޤުލާލް އެވެނިޔުގައި ދިން ބޮމުގެ ހަމަލާގައި ހަ މީހުން މަރުވިއެވެ. އަދި، 81 މީހަކު ޒަޚަމުވިއެވެ. ބޮމުގެ ހަމަލާއާ ގުޅިގެން ކުރުދީން ހަނގުރާމަވެރިންނާ ދެކޮޅު ވައިގެ މަގުން އަސްކަރީ ކެމްޕޭނެއް ފަށާފައިވާއިރު، ސޫރިޔާއަށް ސިފައިން ފޮނުވުމާ ގުޅޭ ގޮތުން ތުރުކީ އަސްކަރިއްޔާގެ އިސް ޖެނެރަލުން މިހާރު މަޝްވަރާ ކުރަމުންދާ ކަމުގައި އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީގެ އަސްކަރީ މަތިންދާބޯޓުތަކުން ސޫރިޔާއަށް ބޮން އެޅުމުގެ ސަބަބުން 37 މީހުން މަރުވެ، 70އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމުގައި ސޫރިޔާގައި ހަރަކާތްތެރިވާ އިންސާނީ ހައްޤުތަކާ ބެހޭ ޖަމުޢިއްޔާތަކުން ބުނެއެވެ. ތުރުކީ ވިލާތުން ބުނީ، ވައިގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ސޫރިޔާއާއި އިރާޤުގައި ޓެރެރިސްޓު ޖަމާޢަތްތަކުން ހަރަކާތްތެރިވާ މަރުކަޒުތަކާއި ޢިމާރާތްތަކަށް ކަމުގައެވެ.

ސޫރިޔާއަށް ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފާޑުކިޔުންތައް ތުރުކީ ވިލާތަށް ވަނީ ކުރިމަތިވެފައެވެ. އެމެރިކާއިން ވެސް ވަނީ ތުރުކީގެ ހަމަލާތައް ހުއްޓައިލުމަށް ގޮވައިލާފައެވެ. އަދި، އައި.އެސް. ފަދަ ޓެރެރިސްޓް ޖަމާޢަތްތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ޝިކާރައަކަށް ޢާންމު ރައްޔިތުން ވިޔަ ނުދިނުމަށް ގޮވައިލާފައެވެ.

އެމެރިކާއިން ބުނީ، އެ ޤައުމުގެ އަސްކަރިއްޔާއާ ގުޅިގެން ނޫން ގޮތަކަށް އިރާޤަށް ހަމަލާ ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމުގައެވެ. މީގެ އިތުރުން، ޖަރުމަނު ވިލާތުން ވެސް ވަނީ ތުރުކީގެ އަމަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، ޕީ.ކޭ.ކޭ.އާއި ވައި.ޕީ.ޖީ.އަކީ ވެސް ޓެރެރިސްޓް ޖަމާޢަތްތަކުގެ ގޮތުގައި ތުރުކީ ވިލާތުގެ އިތުރުން އެމެރިކާއާއި ހުޅަނގުގެ ގިނަ ޤައުމުތަކުން ވެސް ދެކޭ ޖަމާޢަތްތަކެކެވެ.