ކުޅިވަރު

މަހިބަދޫ ޒުވާނުންގެ މުބާރާތް ޖިބިއްލާ ސްޕޯޓްސް ކުލަބުން ދެވަނަ ފަހަރަށް މިލްކުކޮށްފި


އދ. މަހިބަދޫ ޒުވާނުންގެ 19 ވަނަ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް ޖިބިއްލީ ސްޕޯޓްސް ކުލަބުން ދެވަނަ ފަހަރަށް މުބާރާތުގެ ތަށި މިލްކުކޮށްފިއެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ޖިބިއްލީން މުބާރާތުގެ ތަށި ހޯދީ ފައިނަލުގައި އެންޓީ ޔުނައިޓެޑުގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗު ފެށިގެން އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އެންޓީ ޔުނައިޓެޑުންނެވެ. އަލީ ނަސޫހު ރަޝީދު (ޕިލާ) އަރިމަތިން ހުރަސްކޮށްދިން ބޯޅަ އެއްފަހަރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އަހުމަދު ހަސަން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އިރު، އޭނާ ވަނީ އެޓީމުގެ ދެވަނަ ލަނޑު އޭގެ ވަގުތު ކޮޅެއް ފަހުން ކާމިޔާބުކޮށް ޖިބިއްލީ ޓީމު ސިއްސުވާލާފައެވެ.

މިއާއެކު ޖިބިއްލީގެ ކުޅުންތެރިން ކުރިއަށްޖެހި އެންޓީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކުރި ނަމަވެސް އެންޓީގެ ކުޅުންތެރިން ވަނީ މި ހާފުގައި ޑިފެންސިވް ކުޅުމެއް ދައްކައި މި ނަތީޖާގައި އޮވެގެން ހާފު ނިންމާލާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ޖިބިއްލީގެ ކެޕްޓަން (އަލީ ރިޝާމް)ގެ ބަދަލުގައި ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ވަނީ ކުޅެން އަރުވާފައެވެ. އެއާއެކު މި ހާފުގައި ލިބުނު ފުރަތަމަ ފުރުސަތުގައި ބޮކުރީ ވަނީ ލަނޑު ކާމިޔާބުކޮށް އެޓީމަށް އޮތް ހާސްކަން ނެތިކޮށްލާފައެވެ. މި ލަނޑަށްފަހު ޖިބިއްލީގެ ޓީމުން އެޓޭކްތައް ވަރުގަދަ ކުރިއިރު، އެންޓީ ޔުނައިޓެޑްގެ ކީޕަރ އާދަމް އިމްޢާން ވަނީ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

މި މެޗުގައި ޖިބިއްލީ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަހުމަދު ރިޒުވާން (ރިޒޭ)އެވެ. މިއީ އެންޓީ ޔުނައިޓެޑްގެ އޭރިޔާ ތެރެއަށް ރިޒޭ ނަގައިދިން ހުރަހެއް ފޮނުވާލަން އުޅުމުގެ ތެރޭގައި އެންޓީ ޔުނައިޓެޑްގެ ހުސައިން ނިހާން (ނިހާޓް) ސަމޫހް އަލީ (ސަމުއްޓޭ) އަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މި ނަތީޖާގައި އޮވެގެން މެޗުގެ ކުޅުން ނިމުނުއިރު، ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި ޖިބިއްލީގެ ކުޅުންތެރިން ވަނީ އެޓީމުގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އަދި އެންޓީ ޔުނައިޓެޑްގެ ފުރަތަމަ ޕެނަލްޓީ އަހުމަދު ހަސަން ކާމިޔާބުކުރި ނަމަވެސް، ބަކީ ތިން ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މީގެ ތެރެއިން އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޚަލީލް ޤަމާލް އެލްބެޒާވީ ފޮނުވާލި ޕެނަލްޓީ ޖިބިއްލީގެ ގޯލު ކީޕަރ މުހައްމަދު ޖަޒްލާން ވަނީ ދިފާއުކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޚަލީލް ހޯދިއިރު އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޖިބިއްލީގެ އިބްރާޙިމް އުސާމާއެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް އެންޓީގެ އާދަމް އިމްއާން ހޮވުނު އިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ އެޓީމުގެ ފާރޫގް އިސްމާއިލްއެވެ. އެންމެ މޮޅު ފޯވާޑަކަށް ސްޕޯޓިން އަޒިއޯންގެ ހަމްޒާ މުހައްމަދު ހޮވުނުއިރު، އެންމެ މޮޅު މިޑްފިލްޑަރަކަށް ހޮވުނީ ޖިބިއްލީގެ އައިސްމްއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހައިގެން ރަންބޫޓު ހޯދީ ޖިބިއްލީގެ އަސަދުﷲ އަބްދުﷲއެވެ. އޭނާވަނީ 8 ގޯލު ޖަހާފައެވެ.

މުބާރާތުގެ ތަށި ޖިބިއްލީން ހޯދުމާއިއެކު އެޓީމަށް ވަނީ ވިދިވިދިގެން ދެވަނަ ފަހަރަށް މުބާރާތުގެ ތަށި މިލްކު ވެފައެވެ. އެހެންކަމުން މިއީ މެދުކެނޑުމެއްނެތި ޖިބިއްލީން މިމުބަރާތުގެ ތަށި ހޯދި 6 ވަނަ އަރައެވެ. މިއަހަރުގެ ތައްޓާއިއެކު އެޓީމުން ވަނީ މިހާތަނަށް 10 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ.