ޚަބަރު

"ގޯވިންދާ ނާމް މެރާ" ވިކީ، ކިއާރާ އަދި ބޫމީގެ ހެއްވާ މަޖާ ކަންތައްތަކެއް


އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އައު ފިލްމު "ގޯވިންދާ މޭރާ ނާމް" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޝިޝާންކް ކައިތާން ލިޔެ، ޑައިރެކްޓްކޮށްފައިވާ "ގޯވިންދާ ނާމް މޭރާ" ގެ ލީޑް ރޯލުން ފެންނާނީ ވިކީ ކޯޝަލްއާއި، ކިއާރާ އަދުވާނީގެ އިތުރުން ބޫމީ ޕަދްނޭކަރެވެ.

ފިލްމުގައި ބޫމީ އަކީ ވިކީގެ އަންހެނުންނެވެ. ކިއާރާ އަކީ ވިކީގެ ލޯބިވެރިޔާއެވެ. މި ފިލްމުގައި ދައްކުވައިދޭނީ މި 3 މީހުންގެ ތެރޭގައި އެނބުރޭ ކަންތައްގަނޑެއްގެ ސަބަބުން ދިމާވާ ހެއްވާ މަޖާ ކަންތައްތަކެކެވެ.


"ގޯވިންދާ ނާމް މޭރާ" އަކީ ދަރުމާ އިން މި އަހަރު ގެނެސްދޭ 5 ވަނަ ފިލްމެވެ. އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ "ބުރައްމަސްތުރާ" އެވެ. އޭގެ ކުރިން ރިލީޒްކުރި ފިލްމުތަކުގެ ތެރޭގައި ވިޖޭ ދެވަރަކޮންޑާގެ "ލައިގާ" އާއި ވަރުން ދަވަންގެ "ޖުގް ޖުގް ޖިއޯ" އަދި ދީޕިކާ ޕަދްކޯންގެ "ގެހެރާއިޔާ" ހިމެނެއެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓަރ އިން ޕްރީމިއާކުރަން ނިންމާފައިވާ "ގޯވިންދާ ނާމް މޭރާ" ގެ ޑައިރެކްޓަރު ކުރިން ގެނެސްދިން ފިލްމުތަކަކީ "ދަޅަކް" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" އާއި "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އެވެ.

ޝިޝާންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ ކަޕޫރް ބޮލީވުޑަށް ނެރޭ "ބޭދަޅަކް" އާއި ޓައިގާ ޝްރޮފްގެ "ސްކްރޫދީލާ" ހިމެނެއެވެ.