ޚަބަރު

އެމެރިކާއިން ބިރުދައްކާނަމަ ނިއުކްލިޔަރ ހަތިޔާރު ބޭނުންކުރަން އުތުރު ކޮރެޔާ ފަސްނުޖެހޭނެ: ކިމް


އުތުރު ކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރަން ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެ، އެ ޤައުމުގެ ލީޑަރު ކިމް ޖޮން އުން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. ކިމް ވިދާޅުވީ، އެމެރިކާއިން އުތުރު ކޮރެޔާއަށް ބިރުދައްކާ ނަމަ، އަދި އެ ޤައުމާ ދެކޮޅަށް ނިއުކްލިޔަރ ހަތިޔާރެއް ބޭނުން ކޮށްފިނަމަ، އެ ޤައުމުން ވެސް ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރަން ފަސް ނުޖެހޭނެ ކަމުގައެވެ.

މި ކަން ހާމަކޮށްފައި ވަނީ އުތުރު ކޮރެޔާގެ ރަސްމީ ޚަބަރު ފަތުރާ އޭޖެންސީ ކޭ.ސީ.އެން.އޭ.އިންނެވެ. އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ފެށުމަކީ ވެސް އުތުރު ކޮރެޔާއިން ފަސް ޖެހޭނެ ކަމެއް ނޫން ކަމުގައި ކިމް ވިދާޅުވި ކަމަށް ކޭ.ސީ.އެން.އޭ.އިން ރިޕޯޓު ކުރެއެވެ.

މި އަހަރުގެ ތެރޭގައި އުތުރު ކޮރެޔާއިން ވަނީ ގިނަ އަދަދެއްގެ މިސައިލް ޓެސްޓުތަކެއް ހަދާފައެވެ. އަދި، ކޭ.ސީ.އެން.އޭ.އިން މި ވަނީ މިސައިލް ޓެސްޓެއް ކުރިއަށްދާ ތަން ކިމް ބައްލަވައިލައްވާ މަންޒަރުތަކުގެ ވީޑިޔޯ ޢާންމުކޮށްފައެވެ. މި ވީޑިޔޯގައި ކިމްގެ އިތުރުން އޭނާގެ އަނބިކަނބަލުންނާއި އަންހެން ދަރިކަނބަލެއް ވެސް ފެނެއެވެ.

ކޭ.ސީ.އެން.އޭ.އިން ބުނީ ޢާންމު ކޮށްފައިވާ ވީޑިޔޯއަކީ އުތުރު ކޮރެޔާއިން ނޮވެންބަރު 18ވަނަ ދުވަހު ހަދާފައިވާ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓު ހެދި މަންޒަރުތައް ކަމުގައެވެ. މިއީ، އެހެން ބައްރެއްގައި އޮންނަ ޤައުމަކަށް ހަމަލާ ދިނުމަށް ބޭނުން ކުރެވޭނެ ދުރު ރާސްތާގެ މިސައިލެކެވެ. ޓެސްޓުތައް ކާމިޔާބު ކަމުގައި ވެސް ކޭ.ސީ.އެން.އޭ.އިން ރިޕޯޓު ކުރިއެވެ.

ކޭ.ސީ.އެން.އޭ.އިން ޢާންމު ކޮށްފައިވާ ވީޑިޔޯއަކީ ކިމްގެ އަންހެން ދަރިކަނބަލެއް ފެނިގެންދާ ފުރަތަމަ ވީޑިޔޯއެވެ. އަދި، މިއީ އޭނާގެ އަންހެން ދަރިކަނބަލެއް ހުންނަކަން ކޭ.ސީ.އެން.އޭ.އިން ހާމަކޮށްފައިވާ ފުރަތަމަ ފަހަރެވެ. ނަމަވެސް، ދަރިކަނބަލުންގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

ކިމްއަކީ އުތުރު ކޮރެޔާގެ ބާނީ ކަމުގައި ދެކޭ ކިމް އިލް ސަންގްގެ ކާފަ ދަރިކަލުންނެވެ. އޭނާ ކައިވެނި ބައްލަވައިގަތީ 2009ވަނަ އަހަރުއެވެ. އަދި، އޭނާއަށް ތިން ދަރިން ލިބިވަޑައިގަންނަވާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. މީގެ ތެރެއިން ފުރަތަމަ ބޭފުޅާ އުފަންވީ 2010ވަނަ އަހަރުއެވެ. އަދި، 2013ވަނަ އަހަރާއި 2017ވަނަ އަހަރު އޭނާއަށް އިތުރު ބޭފުޅުން ލިބިވަޑައިގެންނެވި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.