ކުޅިވަރު

އީރާން އަތުން އިންގްލަންޑަށް ބޮޑު މޮޅެއް


ފީފާ ވޯލްޑް ކަޕް 2022 ގެ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް ބީގެ ފުރަތަމަ މެޗުން އީރާން އަތުން އިންގްލަންޑް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ގަތަރު ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ހޯމަ ދުވަހު ކުޅުނު މި މެޗު އިންގްލަންޑުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 6-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން އިންގްލަންޑުން ވަނީ ފުލުފުލުގައި އީރާންގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އީރާނަށް މައްސަލަތަކާއި ކުރިމަތިވީ މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުގެ އެއް ނަމްބަރު ކީޕަރު އަލިރޭޒާ ބެއިރަންވަޑްއަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ.

މެޗުގެ 35 ވަނަ މިނެޓުގައި އިންގަލަންޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޯށްދިނީ، ޖޫޑް ބެލިންގްހަމްއެވެ. މިއީ އުމުރުން 19 އަހަރުގެ ބެލިންގްހަމް އިންގްލަންޑްގެ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

އޭގެ ފަހުން މެޗުގެ 43 ވަނަ މިނެޓުގައި ބުކާއޯ ސަކާ ވަނީ އިންގްލަންޑަށް އިތުރު ލަނޑެއް ޖަހައިދީ ލީޑު ފުޅާކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަހީމް ސްޓާލިންގް ވަނީ އިންގްލަންޑުގެ ތިންވަނަ ލަނޑު ޖަހައިފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް އިންގަލަންޑުން ވަނީ އީރާންގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި އިންގްލަންޑްގެ ސަކާ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން އީރާންގެ އިތުބާރު ފޯވާޑް މެހްދީ ތަމީރީ ވަނީ ލަނޑު ޖަހާ ފަރުގު ކުޑަކޮށްފައެވެ. މެޗުގައި އިންގްލަންޑުން ޖެހި ފަސްވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 71 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުން ކުޅެންއެރި މާކަސް ރަޝްފޯޑެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި އިންގްލަންޑުން ކާމިޔާބުކުރި ހަވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޖެކް ގްރީލިޝްއެވެ.

އެކަމަކު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އީރާންގެ ތަމީރީ ވަނީ އިތުރު ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.

މިއީ ބައިނަލްއަގްވާމީ ފުޓުބޯޅައިގައި އީރާނުން މިހާ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި ފުރަތަމަ ފަހަރެވެ.