ސޫރިޔާއާއި އިރާޤުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާ ކަން ތުރުކީ ވިލާތުން ހާމަކޮށްފިއެވެ. އެ ޤައުމުން ބުނީ، ވައިގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ކުރުދީ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ކަމުގައެވެ. އަދި، އެ ތަންތަން ބޭނުން ކޮށްގެން ތުރުކީ ވިލާތުގައި ޓެރެރިޒަމްގެ އަމަލުތައް ކުރުދީ ހަނގުރާމަވެރިން ހިންގަމުންދާ ކަމުގައި އެ ޤައުމުން ތުހުމަތު ކުރެއެވެ.
ތުރުކީ ވިލާތުގެ އަސްކަރީ މަތިންދާބޯޓުތަކުން ސޫރިޔާއާއި އިރާޤުގެ ސަރަޙައްދުތަކަށް ބޮން އަޅަން ފަށާފައި މި ވަނީ، އެ ޤައުމުގެ ވެރިރަށް އިސްތަންބޫލުގެ ކާރޫބާރޫ ބޮޑު މާރުކޭޓު ސަރަޙައްދެއްގައި ދިން ޓެރެރިސްޓު ހަމަލާއަކާ ގުޅިގެންނެވެ. އިސްތިޤުލާލް އެވެނިޔުގައި ދިން ބޮމުގެ ހަމަލާގައި ހަ މީހުން މަރުވިއެވެ. އަދި، 81 މީހަކު ޒަޚަމުވިއެވެ. މި ހަމަލާގެ ފަހަތުގައި ވަނީ ކުރުދީ ހަނގުރާމަވެރިން ކަމަށް ތުރުކީ ވިލާތުން ތުހުމަތު ކުރެއެވެ.
ތުރުކީ ވިލާތުގެ ދިފާޢީ ވަޒީރު ޙުލުސީ އަކަރު ވިދާޅުވީ އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާ ދީފައި ވަނީ ކުރުދިސްތާން ވަރކްސް ޕާޓީ (ޕީ.ކޭ.ކޭ)އާއި ކަރޑިޝް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައި.ޕީ.ޖީ)ގެ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ކަމުގައެވެ. އަދި، މި ހަމަލާތަކުގައި ހަނގުރާމަވެރިންގެ 12 މީހުން މަރައިލާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މި ހަމަލާތައް ދީފައި ވަނީ އ.ދ.ގެ ޗާޓަރުގެ 51ވަނަ މާއްދާގެ ދަށުން، ތުރުކީ ވިލާތުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް ކަމުގައި ވެސް އޭނާ ވިދާޅިވެއެވެ. ހަމަލާތައް އަމާޒު ކޮށްފައި ވަނީ އިރާޤާއި ސޫރިޔާގެ އުތުރުގައިވާ ރަޤާއާއި، ޙަލަބާއި، ހަސާކީއަށެވެ.
ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސް.ޑީ.އެފް)ގެ ހަ މީހުންނާއި ސޫރިޔާގެ ސަރުކާރަށް ވާގިވެރިވާ ހަނގުރާމަވެރިންގެ ހަ މީހަކު މި ހަމަލާތަކުގައި މަރުވި ކަމުގައި، ސޫރިޔާގައި ހަރަކާތްތެރިވާ އިންސާނީ ހައްޤުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ ސީރިޔަން އޮބްޒަރވޭޓަރީ ފޯރ ހިޔުމަން ރައިޓްސްއިން ބުނެއެވެ.
އިސްތިޤުލާލު އެވެނިޔުގައި ދިން ޓެރެރިސްޓް ހަމަލާއަކީ، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމުގައި ހިންގާފައިވާ އެންމެ ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެވެ. 2015އާއި 2017ވަނަ އަހަރާ ދެމެދު ވެސް ތުރުކީ ވިލާތުގައި ނުރައްކާތެރި ޓެރެރިސްޓް ހަމަލާތަކެއް ދީފައިވެއެވެ. އެ ހަމަލާތަކުގެ ފަހަތުގައި ވެސް ވަނީ ކުރުދީ ހަނގުރާމަވެރިންނާއި އައި.އެސް. ޖަމާޢަތުގެ ޓެރެރިސްޓުން ކަމަށް ތުރުކީ ވިލާތުން ޤަބޫލު ކުރެއެވެ.
ޕީ.ކޭ.ކޭ.އާއި ވައި.ޕީ.ޖީ.އަކީ ތުރުކީ ވިލާތާއި ހުޅަނގުން ވެސް ޓެރެރިސްޓް ޖަމާޢަތްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާޢަތްތަކެކެވެ. ނަމަވެސް، އިސްތިޤުލާކު އެވެނިޔުގައި ދިން ހަމަލާގައި ބައިވެރިވެފައި ނުވާނެ ކަމުގައި އެ ދެ ޖަމާޢަތުން ވެސް ދަނީ ބުނަމުންނެވެ. އެއްވެސް ފަރާތަކުން އަދި މިހާތަނަށް އެ ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.
އިސްތިޤުލާލު އެވެނިޔުގައި ދިން ހަމަލާގެ ފަހަތުގައިވާ ކަމަށް ތުހުމަތު ކުރެވޭ މީހާ ތުރުކީ ވިލާތުން ވަނީ ހައްޔަރު ކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ސޫރިޔާއަށް އުފަން އަންހެނެއް ކަމުގައިވާ އަލްހާމް އަލްބަޝީރެވެ. އޭނާއަކީ ޕީ.ކޭ.ކޭ.އާ ގުޅުން އޮންނަ މީހެއް ކަމުގައި ތުރުކީ ވިލާތުން ތުހުމަތު ކުރެއެވެ.