ޚަބަރު

ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރުކުރި ބައެއް މީހުން ޝަރީޢަތް ނިމެންދެން ބަންދަށް


ސަލާމަތީ ބާރުތަކުން ހިންގަމުން އަންނަ ޓެރަރިޒަމް ހުއްޓުވުމުގެ އޮޕަރޭޝަންގައި ހައްޔަރުކުރި 14މީހުންގެ ތެރެއިން ބައެއް މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ފަށާފައިވާ ޓެރަރިޒަމް އޮޕަރޭޝަނަކީ، ޓެރަރިޒަމާ ދެކޮޅަށް މިމަހުގެ 11ވަނަ ދުވަހު ފެށި އޮޕަރޭޝަނެކެވެ. މިއީ އެއްޗެއް ގޮއްވާލައިގެން ގިނަ ބަޔަކު މަރާލުމުގެ މަޤްޞަދުގައި ދޭން އުޅުމުން އެ ހަމަލާއެއް ހުއްޓުވުމަށް ހިންގާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި ވަނީ މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައެވެ. އެމީހުން މަސައްކަތް ކޮށްފައިވަނީ އައިސިސް ޖަމާޢަތާއި ގުޅިގެން ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނަ ގެއްލުވާލުމަށްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި މީހުންގެ ތެރެއިން 5 މީހެއްގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. އަދި 4 މީހެއްގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، 5 މީހެއްގެ މައްޗަށް ވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ޢަމަުރުކޮށްފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނަކީ 18 އަހަރާއި 46 އަހަރާއި ދެމެދުގެ ދިވެހި ފިރިހެނުންނެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ 14 މީހުންގެ ތެރެއިން 10 މީހުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީންނެވެ. އަދި ދެމީހަކު މާލެއިން، ދެމީހަކު މާލެއަތޮޅު ގުރައިދޫން ވަނީ ހައްޔަރުކޮށްފައެވެ.

އެ ހުރިހާ އެންމެންނަކީވެސް އައްޑޫއަށް ނިސްބަތްވާ މީހުންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ހައްޔަރުކުރި 14 މީހުންގެ ތެރެއިން 9 މީހުންނަކީ ޓެރަރިޒަމްގެ މައްސަލައިގެ ރެކޯޑް އޮތް މީހުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި އަޕަރޭޝަންގެ އަދިވެސް އައްޑޫ ސީޓީގައި ދަނީ ކުރިއަށްގެންދަމުންނެވެ.

ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އައްޑޫ ސިޓީގެ ބައެއް ގޭގޭގެ އިތުރުން ހައްޔަރުކުރި މީހުންގެ ގެންގުޅޭ ބައެއް ތަކެތިވެސް ދަނީ ބަލާ ފާސްކުރަމުންނެވެ. މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ އޮޕަރޭޝަންގައި ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކޮށްގެން އައްޑޫގެ ބައެއް ތަންތަން ބަލާ ފާސް ކުރުންވެސް ކުރިއަށްދާކަމަށެވެ.