ޚަބަރު

ޚާޝޮގްޖީގެ މަރުގެ މައްސަލައިގައި ސަޢޫދީ ވަލީއަޙުދުގެ މައްޗަށް ދަޢުވާއެއް ނުއުފުލޭނެ: އެމެރިކާ


ވޮޝިންގްޓަން ޕޯސްޓުގެ ނޫސްވެރިއެއް ކަމުގައިވާ ޖަމާލް ޚާޝޮގްޖީ މަރައިލި މައްސަލައިގައި ސަޢޫދީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ މައްޗަށް ދަޢުވާ އުފުލުގެ ފުރުޞަތު ނެތް ކަމުގައި އެމެރިކާއިން ކަނޑައަޅައިފިއެވެ. އެމެރިކާއިން މި ގޮތަށް ކަނޑައަޅާފައި ވަނީ ޚާޝޮގްޖީ މަރައިލި ހާދިސާއާ ގުޅިގެން އެމެރިކާ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުންނެވެ.

2018 ވަނަ އަހަރު ޚާޝޮގްޖީ މަރައިލާފައި ވަނީ ތުރުކީ ވިލާތުގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައެވެ. އޭނާ މަރަން އަމުރު ކުރައްވާފައި ވަނީ ސަޢޫދީ ވަލީއަޙުދު ކަމުގައި އެމެރިކާއާއި ހުޅަނގުގެ އެހެން ބާރުތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް، ވަލީއަޙުދު ވަނީ މި ކަން ދޮގު ކުރައްވައި، ޚާޝޮގްޖީގެ މަރުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމުގައި ވިދާޅުވެފައެވެ.

އަދި، ޚާޝޮގްޖީ މަރައިލުމުގައި އެއްވެސް ދައުރެއް އަދާ ކުރައްވާފައި ނުވާނެ ކަމަށާއި، އޭނާގެ މަރުގެ ޒިންމާވާ މީހުން ހޯދައި، އެ މީހުންނަށް ޙައްޤު އަދަބު ދީފައިވާނެ ކަމުގައި ވަލީއަޙުދު ވިދާޅުވެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ ޖުލައި މަހުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބައިޑަންއާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޚާޝޮގްޖީގެ މަރުގެ މައްސަލައިގައި ވަލީއަޙުދުގެ މައްޗަށް ދަޢުވާ ނުއުފުލޭނެ ކަމަށް އެމެރިކާއިން ކަނޑައަޅާފައި ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ބޮޑުވަޒީރު ކަމުގެ މަޤާމު މިހާރު ފުރުއްވަމުން ގެންދަވަނީ އޭނާ ކަމުގައި ވާތީއެވެ. ސަޢޫދީ ޢަރަބިއްޔާގެ ބޮޑުވަޒީރު ކަމުގެ މަޤާމު މުޙައްމަދު ބިން ސަލްމާނާ ރަސްމީކޮށް ހަވާލު ކޮށްފައި ވަނީ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ސަޢޫދީ ރަސްގެފާނު ނެރުއްވި ޤަރާރެއްގެ ދަށުންނެވެ.

މި ނިންމެވުމާ އެކު، ބޭރު ޤައުމެއްގައި ކުރިއަށްދާ މައްސަލައެއްގައި އޭނާގެ މައްޗަށް ދަޢުވާއެއް ނުއުފުލޭނެއެވެ. މިއާއެކު، ވަލީއަޙުދަށް މި ވަނީ، ޚާޝޮގްޖީގެ މަރުގެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާއިން ބަރީއަވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާފައެވެ.