ޚަބަރު

ޣައްޒާގެ ގެއެއްގައި ރޯވެ 21 މީހުން މަރުވެއްޖެ


ޔަހޫދީން އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ ބިމެއް ކަމުގައިވާ ޣައްޒާގެ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 21 މީހުން މަރުވެއްޖެއެވެ. ޖަބަލިއްޔާ ރެފިޔުޖީ ކޭމްޕުގައި ހުރި އެޕާޓްމަންޓް ޢިމާރާތެއްގައި ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަތް ކުދަކުދިން ވެސް ހިމެނެއެވެ. މި 21 މީހުންގެ ޖަނާޒާގައި އެތަކެއް ހާސް މީހުން ބައިވެރިވިއެވެ.

ޢިމާރާތުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް، ތިން ބުރީގެ އެ ޢިމާރާތުގައި ގިނަ އަދަދަކަށް ތެޔޮ ރައްކާކޮށްފައި ހުއްޓެވެ. ޣައްޒާގެ ގިނަ ސަރަޙައްދުތަކަކީ 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ލިބޭ ސަރަޙައްދުތަކެއް ނޫނެވެ.

ޢައްޒާގެ ރައްޔިތުން ކެއްކުމާއި ދިއްލުންތަކަށް ބޭނުން ކުރާ އެއް ވަސީލަތަކީ ކަރާސީނެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވާ ޢިމާރާތުގައި ރައްކާކޮށްފައި ހުރީ ކަރާސީނު ކަމަށް ބެލެވޭ ކަމުގައި އެ ރަށުގެ އޮފިޝަލުން ބުނެއެވެ. އެ ރަށުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ބިކަ ހާލުގައެވެ.

ސަބަބަކީ، ޔަހޫދީންގެ އިސްތިއުމާރީ ބާރު ކަމުގައިވާ އިސްރާޢީލުން ޣައްޒާ އަޅުވެތި ކޮށްފައި އޮތުމެވެ. ޔަހޫދީން ޣައްޒާ އެއްކޮށް ބަންދުކޮށް، އެ ރަށުގެ ރައްޔިތުން އަޅުވެތި ކޮށްފައި ވަނީ 2007ވަނަ އަހަރުއެވެ. އަދި، 2.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީންގެ ސިފައިން ދަނީ އެތަކެއް ވޭނަކާއި ދުއްތުރާލެއް ކުރިމަތި ކުރަމުންނެވެ.

މީގެ ތެރޭގައި އެ ރަށުގެ ރައްޔިތުން ޒަރޫރީ ޚިދުމަތްތައް ކަމުގައިވާ ކަރަންޓާއި ފެނުގެ ޚިދުމަތުން މަހުރޫމު ކުރުވުމާއި، އެ ރަށަށް ކާބޯތަކެތި އެތެރެކުރެވޭ މިންވަރު ކޮންޓްރޯލް ކުރުން ހިމެނެއެވެ. ޣައްޒާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލުމާ ގުޅިގެން ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވަނީ ހުކުރު ދުވަހަކީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.

އަލިފާނުގެ ހާދިސާގައި އިތުރު 15 މީހަކު ވަނީ ފިހިފައެވެ. އިސްރާޢީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްޒް ވެސް ވަނީ މި ހާދިސާއާ ގުޅިގެން ތަޢުޒިޔާ ކިޔާފައެވެ. އަދި، ފިހުނު މީހުން އިސްރާޢީލުގެ ހޮސްޕިޓަލުތަކަށް ބަދަލުކޮށް، އިތުރު ފަރުވާ ދޭނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، މިއިން އެއްވެސް މީހަކު އިސްރާޢީލަށް ބަދަލުކޮށްފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.

މިދިޔަ އަހަރުގެ މޭ މަހަކީ ޣައްޒާގެ ރައްޔިތުންނަށް ހިތާމަވެރި އަދި ބިރުވެރި މަހެކެވެ. ޔަހޫދީންގެ އިސްތިއުމާރީ ބާރުން ޣައްޒާއަށް ބޮން އަޅައި ހިންގި ލާއިންސާނީ އުދުވާންތަކުގައި ފަލަސްޠީނުގެ 260 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. މީގެ އިތުރުން ހުސްވި އޮގަސްޓު މަހުގެ ތެރޭގައި ވެސް ޔަހޫދީންގެ ސިފައިން ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.