ޚަބަރު

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސް މަޤާމުން ޕެލޯސީ ވަކިވަނީ


އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީ، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސް މަޤާމުން ވަކިވާން ނިންމާފައިވާ ކަން އިޢުލާނު ކުރައްވައިފިއެވެ. ޕެލޯސީއަކީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ވެސް އެންމެ ފުރަތަމަ އަންހެން ރައީސާއެވެ.

"ކުރިއަށް އޮތް ކޮންގްރެސްގައި ޕާޓީގެ އެންމެ އިސް މަޤާމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް. އަޅުގަނޑަށް ވުރެ ޒުވާން ބޭފުޅުންނަށް އެ ފުރުޞަތު ދިނުމުގެ ވަގުތު ޖެހިފައިވާ ކަމަށް ޤަބޫލު ކުރަން،" ހައުސްގައި ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން 82 އަހަރުގެ ޕެލޯސީ ވިދާޅުވިއެވެ.

ހައުސްގެ ރައީސާގެ މަޤާމުން ވަކިވާން ޕެލޯސީ ނިންމަވާފައި މި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ރިޔާސީ ދައުރުގެ މެދުތެރެއިން ބޭއްވި އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީއިން ހައުސްގައި ވަރަށް ހަނި އަގުލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ހައުސްގެ ރިޔާސަތާ ރިޕަބްލިކަން ޕާޓީން ހަވާލުވާނީ އަންނަ ޖަނަވަރީ މަހުއެވެ. ނަމަވެސް، ޑިމޮކްރެޓިކް ޕާޓީން ވަނީ ސެނެޓުގެ އަގުލަބިއްޔަތު ދަމަހައްޓާފައެވެ.

"ޕެލޯސީގެ ހަރުދަނާ މަސައްކަތްތަކުގެ ސަބަބުން އެމެރިކާގެ އެތަކެއް މިލިޔަން ރައްޔިތުންނެއްގެ ދިރިއުޅުމަށް އެ ކަމުގެ ރަނގަޅު އަސަރު ކޮށްފައިވޭ. ތާރީޚުގައި އޭނާގެ ނަން ލިޔެވިފައި ވަނީ ޑިމޮކުރެސީ ހިމާޔަތް ކުރައްވަން ހަނގުރާމަ ކުރެއްވި ފަހުލަވާނެއްގެ ގޮތުގައި. ޚާއްޞަކޮށް، ޖަނަވަރީ 6ވަނަ ދުވަހު ޤާނޫނު ހަދާ މަޖިލީހަށް ދިން ހަމަލާއާ ގުޅިގެން އޭނާ ސާބިތު ކޮށްދެއްވި ހިތްވަރުގަދަ ކަމުން،" ބައިޑަން ވިދާޅުވިއެވެ.

ޕެލޯސީ އެމެރިކާގެ ކޮންގްރެސްއަށް އިންތިޚާބުވެ ވަޑައިގަތީ 1987ވަނަ އަހަރުއެވެ. އަދި، ހައުސްގެ ރިޔާސަޔާ ހަވާލުވެ ވަޑައިގަތީ 2007ވަނަ އަހަރުއެވެ. ހައުސްގެ ރައީސާގެ މަޤާމުން ވަކިވެ ވަޑައިގަތުމަށް ނިންމެވި އެއް ސަބަބުގެ ތެރޭގައި އޭނާގެ ފިރިކަލުން ޕޯލް ޕެލޯސީއަށް ދާދި ފަހުން ދިން ހަމަލާ ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

82 އަހަރުގެ ޕޯލްއަށް ހަމަލާ ދީފައި ވަނީ ކެލިފޯނިޔާގައި ހުންނަ ގެކޮޅުގައި ހުއްޓައެވެ. ހަމަލާ ދިން މީހާ ގެޔަށް ވަދެފައި ވަނީ ނޭންސީ ޕެލޯސީއަށް ހަމަލާ ދިނުމުގެ ބޭނުމުގައެވެ. ނަމަވެސް، އެ ވަގުތު އޭނާ ހުންނެވީ ވެރިރަށް ވޮޝިންގްޓަންގައެވެ. މި ހާދިސާގައި ޕޯލްއަށް ލިބުނު ޒަޚަމުތަކަށް ހޮސްޕިޓަލުގެ ފަރުވާ ހޯދަން ޖެހުނެވެ.

ހައުސްގެ ރިޔާސަތަކުން ފައިބާ ވަޑައިގަންނަވަން ނިންމެވި ނަމަވެސް، ކުރިއަށް އޮތް ކޮންގްރެސްގައި ވެސް ސެން ފްރެންސިސްކޯ ޑިސްޓްރިކްޓު ތަމްސީލު ކުރެއްވުމުގައި ދެމިހުންނަވަން ބޭނުންފުޅުވާ ކަމަށް ޕެލޯސީ ވިދާޅުވިއެވެ. އޭނާ ވަނީ ހުސްވި ހަފުތާގެ މިޑް-ޓަރމް އިންތިޚާބުގައި ޑިމޮކުރަސީއާއި ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް އެމެރިކާގެ ރައްޔިތުން ދެއްކި ސާބިތުކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.