ރަޝިޔާއިން ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން ބޮޑެތި އެހެން ރަށްތަކަށް ދެމުންދާ މިސައިލް ހަމަލާތަކާ ގުޅިގެން 10 މިލިޔަން މީހުން ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފައިވާ ކަމުގައި އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދޭން ފަށާފައި ވަނީ ޔޫކްރެއިނުގެ ދެކުނުގައިވާ ޚާރްސަންގައި ރަޝިޔާ ސިފައިންނަށް ލިބެމުންދާ ނާކާމިޔާބީއާ ގުޅިގެން ކަމަށް ބެލެވެއެވެ.
ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ މިސައިލް ހަމަލާތައް އަމާޒު ކުރަމުން ދަނީ ޔޫކްރެއިނުގެ އިންޖީނުގެތަކާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ އެހެން ވަސީލަތްތަކަށް ކަމުގައެވެ. އަދި، ބޭނުމަކީ ކުރިއަށް އޮތް ފިނިމޫސުމާ ދިމާކޮށް، ޔޫކްރެއިނުގެ ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ކަނޑައިލުން ކަމުގައި އޭނާ ތުހުމަތު ކުރައްވައެވެ.
"ރަޝިޔާގެ މިސައިލް ހަމަލާތަކަށް ހުއްޓުމެއް ނެތް. ގިނަ ސަރަޙައްދުތަކަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައި. 10 މިލިޔަނަށްވުރެ ގިނަ މީހުން މިހާރު ދިރިއުޅެމުން ދަނީ ކަރަންޓުގެ ޚިދުމަތާ ނުލައި،" ކޮންމެ ރެޔަކު ވީޑިއޯ މެދުވެރިކޮށް ދެއްވާ މެސެޖުގައި ޒެލެންސްކީ ވިދާޅުވިއެވެ.
ޔޫކްރެއިނުގެ މެދުތެރޭގައިވާ ޑްނީޕްރޯއަށް ރަޝިޔާ ސިފައިން ދިން މިސައިލް ހަމަލާތަކެއްގައި އިދާރީ ޢިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި 23 މީހަކު ޒަޚަމުވި ކަމުގައި އެ ސަރަޙައްދުގެ އޮފިޝަލަކު ވިދާޅުވިއެވެ. ޒަޚަމުވި މީހުންގެ ތެރޭގައި 15 އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ. މީގެ އިތުރުން ދެކުނުގައިވާ އޮޑެސާއާއި އިރުމަތީގައިވާ ޚާރްކިވްއަށް ވެސް ރަޝިޔާ ސިފައިން ވަނީ ވަރުގަދަ ހަމަލާތަކެއް އަމާޒު ކޮށްފައެވެ.
ޔޫކްރެއިނުގެ ބައެއް ސަރަޙައްދުތަކަށް މިހާރު ވަނީ ފިނިމޫސުން ކުރިމަތިވެފައެވެ. ބައެއް ސަރަޙައްދުތަކަށް ވަނީ ސްނޯ ފައިބަން ފަށާފައެވެ. އަދި، ފިނިހޫނުމިން ދަނީ ވެއްޓެމުންނެވެ. ކަރަންޓުގެ ޚިދުމަތާ ނުލައި ޔޫކްރެއިނުގެ ރައްޔިތުންނަށް ދަތި ދުވަސްވަރަކާ ކުރިމަތިވާނެ ކަމަށް އެ ޤައުމުގެ އޮފިޝަލުން ބުނެއެވެ.
ކަރަންޓުގެ އިތުރުން ފެނުގެ ޚިދުމަތްދޭން ބޭނުން ކުރާ ވަސީލަތްތަކަށް ވެސް ރަޝިޔާގެ މިސައިލް ހަމަލާތައް ދަނީ އަމާޒު ކުރަމުންނެވެ. އަދި، ގިނަ ސަރަޙައްދުތަކެއްގައި އެތަކެއް މިލިޔަން ރައްޔިތުންނެއް ފެނުގެ ޚިދުމަތުން ވެސް މަހުރޫމުވެފައިވާ ކަމުގައި ޔޫކްރެއިނުގެ އޮފިޝަލުން ބުނެއެވެ.
މި ހަމަލާތަކުގައި ރަޝިޔާއިން ދަނީ އީރާނުގެ އުފައްދާފައިވާ ޝާހިދު މަރުކާގެ ޑްރޯން ވެސް ބޭނުން ކުރަމުންނެވެ. ރަޝިޔާގެ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުން މި ދަނީ، ޔޫކްރެއިނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން ރަޝިޔާއިން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ.
ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ ރަށްތައް މިނިވަން ކުރަން އެ ޤައުމުގެ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ސެޕްޓެންބަރު މަހު ފެށި އަސްކަރީ ކެމްޕޭނުގައި އެ ޤައުމުގެ ސިފައިން ދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެންމެ ފަހުން މިނިވަން ކޮށްފައި ވަނީ ދެކުނުގައިވާ ޚާރްސަންއެވެ.
ކްރައިމިޔާގެ އުތުރުން އޮންނަ ޚާރްސަންއަކީ ފެބުރުވަރީ 24ގައި ފެށި ހަނގުރާމައިގައި ރަޝިޔާ ސިފައިން އެންމެ ފުރަތަމަ ހިފާފައިވާ ސަރަޙައްދެވެ. އެ ރަށުގެ ރައްޔިތުންނާ ދެކޮޅަށް ރަޝިޔާ ސިފައިން ލާއިންސާނީ ހަނގުރާމައިގެ ކުށްތަކާއި ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމުގައި ޔޫކްރެއިނުން ތުހުމަތު ކުރެއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާކޮށް މަރައިލާފައިވާ ކަމުގައި ވެސް އެ ޤައުމުން ތުހުމަތު ކުރެއެވެ.
ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި ތެރޭގައި ޔޫކްރެއިނާ އިންވެގެން އޮތް ޕޮލެންޑުގެ ރަށަކަށް ވެސް ވަނީ މިސައިލެއް ވެއްޓިފައެވެ. މި ހާދިސާގައި ދެ މީހުން މަރުވި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ޕޮލެންޑަކީ ނޭޓޯގެ މެންބަރު ޤައުމެކެވެ. މި ހާދިސާއާ އެކު ރަޝިޔާއާއި ނޭޓޯއާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވިއެވެ.
ޕޮލެންޑަށް ވެއްޓިފައި ވަނީ ރަޝިޔާގައި އުފައްދާފައިވާ މިސައިލެކެވެ. އަދި، މިއީ ރަޝިޔާއިން ފޮނުވައިލި މިސައިލެއް ކަމަށް ކުރިން ތުހުމަތު ކުރެވުނެވެ. ނަމަވެސް، ޕޮލެންޑުން ހިންގަމުންދާ ތަހުޤީޤަށް ފަހުން ހާމަވީ، އެ މިސައިލަކީ ޔޫކްރެއިނުން ދިފާޢަށް ބޭނުން ކޮށްފައިވާ މިސައިލެއް ކަމުގައެވެ. މި ހާދިސާ ތަހުޤީޤު ކުރުމަށް ނޭޓޯއާއި އެމެރިކާގެ އިތުރުން ޔޫކްރެއިނުން ވެސް ދަނީ ޕޮލެންޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.