2024ވަނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފިއެވެ. އޭނާ މި ކަން ހާމަ ކުރައްވާފައި މި ވަނީ، އެމެރިކާގައި މި މަހު ބޭއްވި މިޑް-ޓަރމް އިލެކްޝަން، ނުވަތަ ދައުރުގެ މެދުތެރޭގައި ބޭއްވި އިންތިޚާބުގައި އޭނާގެ ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
2020ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ޓްރަމްޕްގެ މައްޗަށް ކުރިހޯއްދެވި ފަހުން އޭނާ ގެންދަވަނީ އެމެރިކާގެ އިންތިޚާބީ ނިޒާމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި، ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވައިލާފައިވާ ކަމުގެ ތުހުމަތުކޮށް ކޯޓަށް އެތަކެއް މައްސަލައެއް ވެސް އޭނާ ހުށަހެޅުއްވިއެވެ. ނަމަވެސް، ވޯޓު އޮޅުވައިލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ދެއްކުމަށް ނުކުޅެދުމުން، އެ މައްސަލަތައް ނިމިފައި ވަނީ އޭނާއާ ދެކޮޅަށެވެ.
އޭނާގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ، އޭނާގެ ވެރިކަމަށް ފަހު އެމެރިކާ ފުން ވަޅުގަނޑަކަށް ވެއްޓިފައިވާ ކަމުގައި ވިދާޅުވެފައެވެ. އަދި، އަލުން އެމެރިކާއަކީ "ގަދަ" ޤައުމަކަށް ހަދައިދެވޭނީ އޭނާއަށް ވެރިކަން ލިބިގެން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެއް ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން އޭނާގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އޭނާގެ ސިޔާސަތުތައް ވެސް ހާމަ ކުރައްވާފައެވެ. މީގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ބާރު އެޅުމާއި، ކޮވިޑް-19ގެ ވެކްސިން ޖެހުމަށް ދެކޮޅު ހެދުމުގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާއިން ވަކި ކޮށްފައިވާ ސިފައިންނަށް އަލުން ވަޒީފާ ދިނުން ހިމެނެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން ޓްރަމްޕް އިޢުލާނު ކުރައްވާފައި ވީ ނަމަވެސް، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅުމުގެ މަސައްކަތް އެ ޕާޓީން ފަށާނީ އަންނަ އަހަރުއެވެ. ޕްރައިމަރީގައި އޭނާއާ ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައި ފްލޮރިޑާ ސްޓޭޓްގެ ގަވަރުނަރު ރޮން ޑިސެންޓިސްގެ އިތުރުން ޓްރަމްޕްގެ ވެރިކަމުގައި ނައިބު ރައީސް ކަމުގެ މަޤާމު ފުރުއްވި މައިކް ޕެންސް ހިމެނެއެވެ.
މީގެ އިތުރުން ވަރޖިނިޔާ ސްޓޭޓްގެ ގަވަރުނަރު ގްލެން ޔަންގްކިންއާއި، ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓްގެ އިތުރުން ދެކުނު ކޮރެލައިނާގެ ކުރީގެ ގަވަރުނަރު ނިކީ ހެއިލީއާއި ކުރީގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިޔޯއަކީ ވެސް ކެނޑިޑޭޓުންގެ ގޮތުގައި ބެލެވެއެވެ.
މިޑް-ޓަރމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ޓްރަމްޕްގެ ސަބަބުން ކަމަށް ޕާޓީގެ ބައެއް އިސް މެންބަރުން ގެންދަނީ ތުހުމަތު ކުރަމުންނެވެ. އިންތިޚާބުގައި ސެނެޓުގެ މެޖޯރިޓީ ކާމިޔާބު ކޮށްފައި ވަނީ ރައީސް ޖޯ ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީންނެވެ. ނަމަވެސް، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ރިޕަބްލިކަން ޕާޓީއަށް ވަރަށް ހަނި މެޖޯރިޓީއެއް ލިބުމުގެ ފުރުޞަތު އެބައޮތެވެ.