ޚަބަރު

ތިންރުއްޕާކް ސަރަހައްދަށް ސުނާމީ ބިނާ ގެންގޮސްފި


މާލޭގެ ހުޅަނގު ދެކުނު ބަނދަރު ކަނޑިންމަގެ އެއްފަރާތް ނުވަތަ ތިންރުއް ޕާކު ސަރަޙައްދަށް ސުނާމީ ބިނާ ގެންދަވައި އެތާނގައި ސުނާމީ ބިނާ ބެހެއްޓެވުމުގެ ތައްޔާރީތައް ފަށައިފިއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މާލެއާ ގުޅުވައިދޭ ސަރަޙައްދާ ދިމާވާތީ، ލޮނުޒިޔާރަތްކޮޅުން ނެންގެވި ސުނާމީ ބިނާ އަލުން ބަހައްޓަވަން ހަމަޖެއްސެވި ސަރަޙައްދެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވަނީ ތިންރުއްޕާކް ސަރަޙައްދެވެ. އެއީ، މާލޭގެ ހުޅަނގުދެކުނު ބަދަރު ކަނޑިންމައާ ގުޅިފައިވާ ސަރަޙައްދެވެ.

ސަރުކާރުން ވިދާޅުވީ ތިންރުއްޕާކް ސަރަޙައްދު ތަރައްޤީކުރެވިގެންދާނީ ވަރަށް ފެންވަރު ރަނގަޅު ހިތްފަސޭހަ ޕާކެއްގެ ގޮތުގައިކަމަށެވެ. އަދި ސުނާމީ ބިނާވެސް ހުންނާނީ ރޭގަނޑު ދިއްލިފައި ހުންނަގޮތަށްކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ތިންރުއްޕާކް ސަރަޙައްދަކީ ކުރިން ގާކުނި ފަދަ ތަކެތި އުފުލަމުންދިޔަ ސަރަޙައްދު ނަމަވެސް މިހާރު ގާކުނި ފަދަ ތަކެތި އުފުލުމުގެ މަސައްކަތް ވަނީ މީރުބަހުރު ބަނދަރުގެ ހުޅަނގުން އޮންނަ ސަރަޙައްދަށް ބަދަލުކުރައްވާފައެވެ.