ސިޔާސީ

ޓެރަރިޒަމްގެ ކުށް ސާބިތުވެ އިމްރާން 12 އަހަރަށް ޖަލަށް!


ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ޓެރަރިޒަމް ކުށުގެ ދަޢުވާ ސާބިތުވެ އޭނާ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.ދައުލަތުން އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާ އުފުއްލަވާފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކެވި ކަމުގެ ތުހުމަތުގައެވެ. އަދި މުޒާހަރާގެ ބައިވެރިން ހަމަނުޖެހުން ހިންގާފައިވަނީ އިމްރާން އަބްދުﷲގެ ވާހަކަތަކުން ހިއްވަރު ލިބިގެންކަމަށް ދައުލަތުން ހުށައެޅުއްވި ދައުވާގައިވެއެވެ.މިރޭ މިމައްސަލައިގެ ޙުކުމް އިއްވަވަމުން ޤާޟީ ވިދާޅުވީ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދު ތަކަށާއި، އެނޫންވެސް ސަރަހައްދުތަކަށް އެއްވެ، އަމަން ބަލަހައްޓަންތިބި ފުލުހުންނަށާއި، އާންމުންގެ މުދަލަށް ގެންލުންދިނީ، އެދުވަހުގެ އެމުޒާހަރާ އިންތިޒާމްކުރި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މުޒާހަރާގެ ބައިވެރިންނާ މުޙާތަބުކޮށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި، ދައުލަތުގެ އިސްވެރިންނާއި ދިވެހި ސަރުކާރާމެދު ނަފުރަތު އުފެދޭގޮތަށާއި، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމަށް ޤަބޫލުކުރެއްވޭކަމަށެވެ.މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީން އިސްނަގައިގެން ކުރިއަށްގެންދިޔަ މުޒާހަރާ ސުލްޙަވެރިކަމާއެކު ކުރިއަށްގެންދަވާނެކަމަށް އިމްރާން އަބްދުﷲ ސޮއިކުރައްވައި ފުލުހުންނަށް ސިޓީ ފޮނުއްވާފައިވާކަމަށާއި، އެހެން ނަމަވެސް މުޒާހަރާގެ ބައިވެރިން ހަމަނުޖެހުން ހިންގައި، އާންމުނާއި ފުލުހުންނަށް އަނިޔާވާން ފެށުމުންވެސް އަދާލަތު ޕާޓީން ހަމަނުޖެހުން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާކަންވެސް ޤާޟީ ފާހަގަކުރެއްވިއެވެ.އިމްރާން ޢަބްދުﷲ ޓެރެރިޒަމްގެ ކުށުން ކުއްވެރި ވެއްޖެކަމަށް ކަނޑައަޅުއްވައިފައިވަނީ އޭރު ޢަމަލުކުރަމުންދިޔަ ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ކ)ގެ ދަށުންނެވެ. އެމާއްދާގައި ވާގޮތުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ފަދަ ކަމެއް ކުރުން ނުވަތަ މީހެއްގެ ފުރާނައަށް، ހަށިގަނޑަށް ނުވަތަ މުދަލަށް ގެންލުން ދީފާނެކަމުގެ އިންޒާރު ދިނުމަކީ ޓެރެރިޒަމްގެ އަމަލެއް. އަދި އެކުށުގެ އުޤޫބާތަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.ދައުލަތުން އިމްރާންގެ މައްޗަށް ހުށައަޅުއްވައިފައިވާ ޓެރެރިޒަމްގެ ކުށުގެ ދައުވާ ސާބިތު ކުރެއްވުމަށް ދައުލަތުން ވަނީ 16 ހެކި ޝަރިއްޔަތަށް ހުށައަޅުއްވާފައެވެ. އެއީ 1 ޝަފަހީ ހެއްކާއި، 15 ކިތާބީ ހެކި. ޝަރިއްޔަތަށްފަހު އިމްރާން އަބްދުﷲގެ ޤާނޫނީ ވަކީލު އަލީ ޒާހިރު ވިދާޅުވީ، އިމްރާންގެ ފަރާތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެކަމަށެވެ. ޖިނާއީ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފް ކުރެއްވުމަށް 10 ދުވަހުގެ މުއްދަތެއް ޤާނޫނުން ލިބިދެއެވެ.އިމްރާންގެ މައްޗަށް މިދައުވާ ސާބިތުވުމާއެކު އަދާލަތު ޕާޓީގެ ރައީސްގެ މަޤާމުން އޭނާ ވަކިވާނެއެވެ. ސިޔާސީ ޕާޓީގެ ޤާނޫނު ބުނާގޮތުން ޖިނާއީ މައްސަލައެއްގައި ޝަރުޢީ ކޯޓެއްގެ ޙުކުމެއް އައިސްފައިވާ މީހަކަށް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއްގައި ނުހުރެވޭނެއެވެ.