ވިޔަފާރި

އިފޮޕްކާގެ 45 ވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފި


އިފޮޕްކާގެ 45 ވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ.

ކޮންމެ އަހަރަކުވެސް ބާއްވާ އިފޮޕްކާގެ މި ބައްދަލުވުމަކީ ޞަރަޙައްދީ ފެންވަރެއްގައި ބާއްވާ ޢިމާރާތްކުރުމުގެ ދާއިރާގެ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.

ރާއްޖޭގައި ބާއްވާ އިފޮޕްކާގެ 45 ވަނަ ބައްދަލުވުން ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. މި ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 15އިން 19އަށް ޕެރެޑައިސް އައިލެންޑް ރިސޯޓްގައެވެ. ރާއްޖެއިން މި ބައްދަލުވުމަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ކޮންސްޓްރަކްޝަން ވިތް ކޮންޒަވޭޝަން – ބިލްޑް އަ ބެޓަރ ވޯލްޑް" މިއެވެ.

މި ބައްދަލުވުން ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިފޮޕްކާގެ މި ދައުރުގެ ރައީސް އަދި މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާހް ވިދާޅުވީ، އިމާރާތްކުރާއިރު ގުދުރަތީ މާހައުލު ނުގެއްލޭނެފަދަ ގޮތަކަށް މިކަން ކުރުމުގެ ވިސްނުންތައް ގެންގުޅެންޖެހޭކަމަށެވެ. އަދި މިއަހަރުގެ ޝިއާރެއްގެ ގޮތުގައިވެސް "ކޮންސްޓްރަކްޝަން ވިތް ކޮންޒަވޭޝަން – ބިލްޑް އަ ބެޓަރ ވޯލްޑް" މި ޝިއާރު ނަގާފައިވަނީ މިކަމަށް ސަރުކާރާއި އަދި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް މިމަގަށް މަސައްކަތް ކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ އިފޮޕްކާގެ 45 ވަނަ ބައްދަލުވުމުގައި 22 ޤައުމަކުން 400 އިންވެސްޓަރުން ބައިވެރިވާކަމަށް މަސީން ވިދާޅުވެއެވެ. މި ބައްދަލުވުން ވެގެންދާނީ ރާއްޖޭގައި ބޭއްވޭ ވިޔަފާރިވެރިންގެ އެންމެ ބޮޑު ބައްދަލުވުމަށެވެ. މި ކޮންފަރެންސްގެ ތެރެއިން ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތަކާއި ރާއްޖޭގެ ޕޮޓެންޝިއަލް ދައްކާލާނެކަމަށް މަސީން ބުނެއެވެ.

ބައްދަލުވުމުގެ ފުރަތަމަ ސެޝަންގައި ރާއްޖޭގެ ވަޒީރުން ބައިވެރިވެ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ރާއްޖޭގައި އިންވެސްޓްކުރަންޖެހޭ ސަބަބުތައް ކިޔައިދޭނެއެވެ. ކޮންފަރެންސްގެ ސަބަބުން މުޅި މި ސަރަހައްދަށް ރާއްޖޭގެ އިޤްތިސާދު ހުޅުވިގެންދާނެކަމަށާއި، އެމީހުން އަނބުރާ ޤައުމަށް ދާނީ ވަރަށް ބޮޑަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް އެނގިގެންކަމަށް މަސީން ބުނެއެވެ.