ޚަބަރު

ފަލަސްޠީނުގެ ޒުވާނަކު ޝަހީދުކޮށްލުމަށް ފަހު އޭނާގެ ގެ ރެއިޑުކޮށްފި


ޔަހޫދީންގެ ދަޢުލަތުގެ އައު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ އައު ސަރުކާރު ހުވާކުރުމާ ދިމާކޮށް އިސްރާޢީލުގެ ސިފައިން ފަލަސްޠީނުގެ ޒުވާނަކު ޝަހީދުކޮށްލައިފިއެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ސިފައިން ހިންގަމުންދާ މި އުދުވާންތަކުގައި ޝަހީދު ކޮށްލާފައި ވަނީ އުމުރުން 18 އަހަރުގެ ޒުވާނެއް ކަމުގައިވާ މުޙައްމަދު ސޫފެވެ.

އިސްރާޢީލުގެ ސިފައިން ވަނީ ސޫފް ޝަހީދު ކޮށްލުމަށް ފަހު ހުޅަނގު އައްސޭރީގެ ހާރިސްގައި އޭނާ ދިރިއުޅޭ ގެޔަށް ރޭޑު ޖަހައި، ގެ ބަލައިފާސްކޮށްފައެވެ. ޔަހޫދީ ސިފައިން ބުނީ، ސޫފް ޝަހީދު ކޮށްލާފައި ވަނީ، އޭނާ ދިން ވަޅީގެ ހަމަލާތަކެއްގައި ޔަހޫދީންގެ ތިން މީހުން މަރައިލުމާ ގުޅިގެން ކަމުގައެވެ. ސޫފް ދިން ހަމަލާތަކުގައި މަރުވެފައި ވަނީ ޢާންމުންގެ ތިން މީހުން ކަމުގައި ވެސް އިސްރާޢީލުގެ ސިފައިން ބުނެއެވެ.

ނޮވެންބަރު 15ވަނަ ދުވަހު ވެސް ޔަހޫދީންގެ ސިފައިން ވަނީ ފަލަސްޠީނުގެ ޒުވާނަކު ޝަހީދު ކޮށްލާފައެވެ. އެ ދުވަހު ޔަހޫދީންގެ ފައުޖުތަކުގެ ޝިކާރަކަކަށްވީ އަންހެއް ކުއްޖެއް ކަމުގައިވާ ފުއްލާ އަލް-މަސަލްމާއެވެ. ޔަހޫދީ ސިފައިންގެ ލާއިންސާނީ ހަމަލާތަކުގައި އަލް-މަސަލްމާ ޝަހީދުކޮށްލާފައި ވަނީ އޭނާގެ 16ވަނަ އުފަން ދުވަހުގެ އެއް ދުވަސް ކުރިންނެވެ.

މި މަހުގެ އެއްވަނަ ދުވަހު އިސްރާޢީލުގައި ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ކުރީގައި ވެސް ބޮޑުވަޒީރު ކަން ކުރައްވާފައިވާ، އަދި ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހަރުކަށިކަމާއި ލާއިންސާނިއްޔަތު ކަން އިސް ކުރުމުގައި މަޝްހޫރު ބެންޖަމިން ނަތަންޔާހޫއެވެ. އޭނާގެ ޕާޓީން ވަނީ ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން 64 ގޮނޑި ކާމިޔާބު ކޮށްފައެވެ. ނަތަންޔާހޫގެ އައު ސަރުކާރު އެކުލަވައިލުމުގައި އޭނާއަށް ބައިޢަތު ހިފާފައި ވަނީ ޒަޔަނިސްޓުންގެ ޕާޓީއެއް ކަމުގައިވާ "ރިލިޖަސް ޒަޔަނިޒަމް" ޕާޓީންނެވެ.