ޚަބަރު

ޔޫކްރެއިނުގެ ރަށްތަކަށް އަނެއްކާވެސް ވަރުގަދަ މިސައިލް ހަމަލާތަކެއް


ރަޝިޔާއިން ޔޫކްރެއިނުގެ ރަށްތަކަށް އަމާޒުކޮށް ދިން ވަރުގަދަ މިސައިލް ހަމަލާތަކެއްގައި، ބައެއް ރަށްތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ. ރަޝިޔާއިން ޔޫކްރެއިނުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި މި ވަނީ، އެ މީހުން އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ ސަރަޙައްދެއް ކަމުގައިވާ ޚާރްސަންއިން ފޭބިތާ ހަފުތާއެއް ވެސް ނުވަނީހެވެ.

ރަޝިޔާގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން އެހެން ބޮޑެތި ރަށްތަކަށެވެ. މި ހަމަލާތަކުގައި ކީވްގައި ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި އޮފިޝަލުން ބުނެއެވެ. އަދި، ޚާރްސަންއިން ރަޝިޔާ ސިފައިން ފޭބުމުން ބާއްވަމުން ދިޔަ އުފާ ފާޅުކުރުމުގެ އެއްވުންތައް ނިމުމަކަށް އައެވެ.

ކީވްގެ އިތުރުން ޔޫކްރެއިނުގެ ހުޅަނގުގައިވާ ލްވީވްއަށާއި އިރުމަތީގައިވާ ޚާރްކިވްއަށް ވެސް ރަޝިޔާގެ މިސައިލް ހަމަލާތައް އަމާޒު ކުރިއެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގައި ކީވްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމުގައި ކީވްގެ މޭޔަރު ވިޓާލީ ކްލިޓްސްކޯ ވިދާޅުވިއެވެ. ކީވްގައި ޢާންމުން ދިއިރުޅޭ ދެ ޢިމާރާތަކަށް މިސައިލް ހަމަލާތައް އަރާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ހަމަލާތައް ފަށާފައި ވަނީ ޚާރްސަން ސަރަޙައްދުގައިވާ ރަށެއް ކަމުގައިވާ ނޯވާ ކަޚޮވްކާގައި ތިބި ރަޝިޔާ ސިފައިންނާއި އިދާރީ މުވައްޒަފުން ވެސް އެ ރަށުން ފޭބުމަށް ތައްޔާރުވަމުންދާ ކަން އިޢުލާނު ކުރުމާ އެކުގައެވެ. އެ ރަށުގައި ތިބި ރަޝިޔާގެ އޮފިޝަލުން ބުނީ، އެ ރަށުން ރަޝިޔާ ސިފައިން ބާލަން ނިންމާފައި ވަނީ ޔޫކްރެއިނުގެ ސިފައިން ދެމުންދާ އާޓިލަރީ ބަޑީގެ ހަމަލާތަކާ ގުޅިގެން ކަމުގައެވެ.

ޔޫކްރެއިނުގެ ދެކުނުގައިވާ މައި ސަރަޙައްދެއް ކަމުގައިވާ ޚާރްސަންއިން ރަޝިޔާ ސިފައިން ފައިބާފައި ވަނީ ހުސްވި ހަފުތާގެ ތެރޭގައެވެ. އަދި، ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ، ރަޝިޔާ ސިފައިން ފޭބުމުން އެ ރަށުގައި ބާއްވަމުންދާ އުފާ ފާޅުކުރުންތަކުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ރަޝިޔާއިން ޔޫކްރެއިނަށް މިސައިލް ހަމަލާތައް ދެމުންދާ މި ދަނޑިވަޅަކީ، ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ހަނގުރާމައާ ގުޅޭ ގޮތުން ދުނިޔޭގެ އެންމެ ބޮޑު އިޤުތިޞާދު ހިމެނޭ 20 ޤައުމު (ޖީ20)ގެ ބައްދަލުވުމުގައި މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޖީ20ގެ ބައްދަލުވުމުގެ ބައިވެރިން ވަނީ، ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ކުށްވެރި ކޮށްފައެވެ.

"ރަޝިޔާއިން ފަށާފައިވާ ފަނާކުރަނިވި ހަނގުރާމަ ނިމުމަކަށް ގެނެވޭނީ މިހާރުން މިހާރަށް މަސައްކަތްތަކެއް ކޮށްގެން ކަމަށް ޤަބޫލު ކުރެވެނީ. ހަނގުރާމަ ހުއްޓައިލުމުން އެތަކެއް ހާސް ބަޔެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ،" ޖީ20ގެ ބައްދަލުވުމުގައި ވީޑިޔޯ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވިއެވެ.

ޚާރްސަން މިނިވަން ކުރުމާ އެކު ޔޫކްރެއިނުގެ ދެކުނުގައިވާ ޑްނީޕްރޯ ކޯރުގެ ހުޅަނގު ފަރާތުގައިވާ ސަރަޙައްދުތައް ޔޫކްރެއިނުގެ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް މި ވަނީ ގޮސްފައެވެ. ނަމަވެސް، ކޯރުގެ އިރުމަތީ ފަރާތުގައި ރަޝިޔާގެ ފައުޖުތައް އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ޚާރްސަންއިން ފައިބަން ޖެހުމަކީ މި ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. ހަނގުރާމައަށް ނުވަ މަސް ފުރެން ގާތްވެފައި ވާއިރު، ޚާރްސަންއަކީ ރަޝިޔާ ސިފައިންނަށް މިހާތަނަށް އަތްގަދަ ކުރެވެނު ހަމައެކަނި ސަރަޙައްދީ ވެރިރަށެވެ. މިއީ ނާކާމިޔާބީއެއް ނަމަވެސް، ރަޝިޔާ ސިފައިންގެ ޤާބިލުކަމާ މެދު ހުޝިޔާރުވެ ތިބުމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގް ވަނީ އިންޒާރު ކުރައްވާފައެވެ.