އަލިފާން ރޯވި މ.ނިރުފެހިގެ ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މީހެއްގެ ފައި ތިލައެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފައިތިލަ ފެނިފައިވަނީ ރޯވި ގެގޭ ކުނިތައް ނަގާ ސާފުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.
ނިރުފެހިގޭގެ އަލިފާނުގެ ޙާދިސާގައި 10މީހުން ވަނީ މަރުވެފައެވެ. ފުލުހުން ވިދާޅުވީ ފެނުނު ފައިތިލައަކީ، މިއިން މީހެއްގެ ހަށިގަނޑުން ބައެއްތޯ ބެލުމަށް ތަޙުލީލުތައް ކުރާނެކަމަށާއި އެކަން ޔަގީންކުރެވޭނީ ތަހުލީލުތަކަށް ފަހުގައިކަމަށެވެ.
މިހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުވަނީ ވަރަށް ބޮޑަށް އަނދާފައެވެ. އެމީހުންގެ ހަށިގަނޑުތައް ނިރުފިގެއިން ފެނުއިރު، ގިނަ މީހުންގެ ސިފައާއި ޖިންސުވެސް ވަކި ނުވާކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ. ނަމަވެސް ފަހުން އެމީހުންގެ ޓެސްޓްތައް ހަދާ، އެ އެންމެންވަނީ ދެނެގަނެވިފައެވެ.
މ.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އެންމެންނަކީވެސް ބިދޭސީންނެވެ. މީގެތެރޭގައި ހިމެނެނީ އިންޑިއާގެ 8 މީހުންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 2 މީހުންނެވެ. އެއީ 6 ފިރިހެނުންނާއި 4 އަންހެނުންނެވެ.
މި ޙާދިސާ ފުލުހުންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.