ޚަބަރު

ކުޑަކުދިންނަށް ޢަރަބި ބަސް ދަސްކޮށްދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ޢިލްމު އިންސްޓިޓިއުޓްއިން


ޢިލްމު އިންސްޓިޓުއުޓްގެ ފަރާތުން ދިވެހި ދަރިވަރުންނަށް ޢަރަބި ބަސް އުނގަންނައިދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ ދިވެހ މުޖުތަމަޢުގައި ޢަރަބި ބަހަށް އަހަންމިއްޔަތުކަން ދޭ މިންވަރު އިތުރުކޮށް، މަދަރުސީ ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ޢަރަބި ބަސް އުނގަންނައިދިނުމަށް ފަށާ މަސައްކަތެކެވެ.

ޢަރަބި ބަސް އުނގަންނައިދިނުމުގެ މުޅި ޕްރޮގްރާމް ނިމޭއިރު، ޢަރަބި ބަހުން މުޢާމަލާތް ކުރުމާއި ޢަރަބި ބަހުން ލިޔެފައިވާ ތަކެތި ފަހުމްވުމަށް ބޭނުންވާ ހުނަރު ދަސްކޮށްދޭނެއެވެ. އަދި ޢަރަބި ބަހުން އޯ ލެވެލް އިމްތިޙާނު ހަދަން ބޭނުންވާ ދަރިވަރުންނަށް އެއިމްތިޙާނު ހަދައި، މަތީ ނަތީޖާއެއް ހޯދޭ ފެންވަރު އެކުދިންގެ ކިބައިގައި ހުންނާނެ ކަމަށް ޢިލްމު އިންސްޓިޓުއުޓުން މަޢުލޫމާތުދެއެވެ.

މުޅި މިޕްރޮގްރާމަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ މުޤައްރަރެއްގެ ތެރެއިން، މަރުޙަލާތަކަކަށް ބަހާލެވިގެން ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ކިޔަވައި ދިނުން އެއްކޮށްހެން ކުރިއަށް ގެންދާނީ ޢަރަބި ބަހުންނެވެ. އިލްމް އިންސްޓިޓިއުޓުން ބުނެފައިވަނީ މިޕްރޮގްރާމުގައި ހަމައެކަނި ފޮތްބައެއް ނިންމާލަން އުޅުމުގެ ބަދަލުގައި އިސްކަންދޭނީ އެދަރިވަރަކު ކިޔަވަމުންދާ މަރުޙަލާއެއްގައި ޙާޞިލުވާންޖެހޭ ބަހުގެ ހުނަރުތައް އެންމެ ރަނގަޅަށް ޙާޞިލުވެގެން އަނެއް މަރުޙަލާއަށް ބަދަލުވެ، ޕްރޮގްރާމް އެއްކޮށް ނިންމާލުމަށެވެ.

ޢަރަބި ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމް އަމާޒުކުރަނީ 7 އަހަރާ 16 އަހަރާ ދެމެދުގެ އުމުރުފުރާގެ މަދަރުސީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ. ޕްރޮގްރާމްގައި ކިޔަވަމުންދަނިކޮށް 16 އަހަރު ފުރޭ ދަރިވަރުން، ޢިލްމު އިންސްޓިޓުއުޓްގެ އެމް.ކިޔު.އޭ ޢަރަބި ކޯސްތަކަށް ބަދަލުވާން އެދޭނަމަ، އެ ފުރުސަތު ފަހި ކޮށްދޭނެ ކަމަށް ޢިލްމު އިންސްޓިޓުއުޓް މަޢުލޫމާތުދެއެވެ.

ކުލާސްތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 5 ދުވަހު، ހެނދުނު ދަންފަޅިއާއި މެންދުރުފަހު ދަންފަޅިއަށް ބަހާލައިގެންނެވެ. އަރަބި ބަސް ދަސްކޮށްދޭ މިޕްރޮގްރާމްގެ ފީއަކީ މަހަކު 800 ރުފިޔާއެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.