ރަޝިޔާ ސަފައިންގެ އަތްދަށުން މިނިވަން ކޮށްފައިވާ ޔޫކްރެއިނުގެ ދެކުނުގައިވާ ޚާރްސަންއަށް އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަޑައިގަންނަވައިފިއެވެ. ޚާރްސަންއަކީ ފެބުރުވަރީ 24ގައި ރަޝިޔާ ސިފައިން ފެށި ހަނގުރާމައިގައި އަތްގަދަ ކޮށްފައިވާ ހަމައެކަނި ސަރަޙައްދީ ވެރިރަށެވެ. އެ ރަށަށް ވަޑައިގަންނަވައި، ޒެލެންސްކީ ވަނީ އެ ރަށުގެ މައި އިދާރީ މަރުކަޒުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
"ރަޝިޔާއިން މުޅި ދުނިޔެއަށް ސާބިތުކޮށްދެމުން ދަނީ އަޅުގަނޑުމެންގެ ރައްޔިތުންގެ ފުރާނަ ދުއްވައިލެވޭނެ ކަން. ނަމަވެސް، އަޅުގަނޑުމެންގެ ސިފައިން ސާބިތު ކޮށްދެމުން އެ ދަނީ މި ޤައުމު އަދި މި ދަޢުލަތް މަރައި ނުލެވޭނެ ކަން. ނައްތައި ނުލެވޭނެ ކަން،" ޒެލެންސްކީ ވިދާޅުވިއެވެ.
ނަމަވެސް، ރަޝިޔާ ސިފައިންގެ އަތްދަށުން ޚާރްސަން މިނިވަން ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ. ހަނގުރާމައިގެ އަގު ވަރަށް ބޮޑު ކަމަށާއި، ގިނަ ބަޔެއްގެ ފުރާނަ ގެއްލިގެން ދިޔަ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ޚާރްސަންއިން ރަޝިޔާ ސިފައިން ފޭބި ނަމަވެސް، ރަޝިޔާގެ އަސްކަރިއްޔާގެ ޤާބިލިއްޔަތުކަމާ މެދު ސުވާލު އުފައްދައިގެން ނުވާނެ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގް ވަނީ ވިދާޅުވެފައެވެ. އަދި، ރަޝިޔާއިން ދެން އަމަލު ކުރާނެ ގޮތަކާ މެދު ހުޝިޔާރު ވުމަށް އޭނާ ގޮވައިލެއްވިއެވެ.
ޒެލެންސްކީ ޚާރްސަންއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންގެ ތަރުޖަމާނެއް ވަނީ، އެ ދަތުރުފުޅުގެ ސަބަބުން ޚާރްސަންގެ އެއްވެސް ކަމެއް ބަދަލުވެފައި ނުވާ ކަމުގައި ވިދާޅުވެފައެވެ. އަދި، ޚާރްސަންއަކީ އަދިވެސް ރަޝިޔާގެ ބަޔެއްގެ ގޮތުގައި ޤަބޫލު ކުރާ ކަމުގައި އޭނާ ވިދާޅުވިއެވެ.
ރަޝިޔާ ސިފައިން ޚާރްސަންއަށް އަތްގަދަ ކޮށްފައި އޮތް ދުވަސްވަރު އެ ސަރަޙައްދުގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ވެސް ޒެލެންސްކީ ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި، މީގެ ތެރޭގައި ހަނގުރާމައިގެ ކުށްތައް ހިމެނޭ ކަމުގައި ވެސް އޭނާ ތުހުމަތު ކުރައްވައެވެ.
ރަޝިޔާގެ އަތްދަށުން މިނިވަން ކޮށްފައިވާ އެހެން ރަށްތަކުން ވެސް ގިނަ އަދަދެއްގެ ބަޔަކު މެރުމަށް ފަހު ވަޅުލާފައިވާ ވަޅުތަކެއް ފެނުނެވެ. ނަމަވެސް، އެ ފަދަ ކަމެއް ޚާރްސަންއިން ފެނިފައިވާ ކަން ޒެލެންސްކީ ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ.
ޚާރްސަންއިން ފޭބުމުގެ ކުރިން ރަޝިޔާ ސިފައިން ވަނީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން ބޭނުން ކުރާ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ސަރަޙައްދުގައި ފެނާއި ކަރަންޓުގެ އިތުރުން މުވާސަލާތީ ޚިދުމަތްތައް ވެސް ވަނީ މެދުކެނޑިފައެވެ. އެ ޚިދުމަތްތައް އަލުން ގުޅައިދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.