ޚަބަރު

އިސްތަންބޫލުގައި ބޮން ގޮއްވާލިކަމަށް ޝައްކުކުރެވޭ މީހާ ހައްޔަރުކޮށްފި


ތުރުކީވިލާތުގެ ވެރިރަށް އިސްތަންބޫލުގެ މަގެއްގައި ބޮމެއް ގޮއްވައިލާ ހަ މީހުން މަރައިލި ހާދިސާގައި ޒިންމާވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި އެ ޤައުމުގެ ފުލުހުން ބުނެފިއެވެ. ފުލުހުން ވަނީ، ހަމަލާގެ ފަހަތުގައިވާ ކަމަށް ޝައްކު ކުރެވޭ މީހާ ހައްޔަރުކުރާ މަންޒަރު ދަށްކުވައިދޭ ވީޑިޔޯއެއް ޢާންމު ކޮށްފައެވެ.

ވީޑިޔޯއިން ފެންނަނީ ޢިމާރާތެއްގެ ތެރޭގައި ތުރުކީ ވިލާތުގެ ހަތިޔާރު އެޅި ފުލުހުންގެ ޓީމަކުން ހަރަކާތްތެރިވަމުންދާ މަންޒަރެވެ. އަދި، ޒުވާން އުމުރުފުރައިގެ އަންހެނަކު ހައްޔަރު ކުރާ މަންޒަރާއި، ފުލުހުންގެ ބެލުމުގައި ދަށުގައި އޭނާ ގެންދާ މަންޒަރެވެ. އެ ސަރަޙައްދުން އިތުރު ބަޔަކު ހައްޔަރު ކޮށްގެން ގެންދާ މަންޒަރު ވެސް ވީޑިޔޯއިން ފެނެއެވެ.

ތުރުކީ ވިލާތުގެ ފުލުހުން މިހާރު ވަނީ ހައްޔަރު ކޮށްފައިވާ އަންހެން މީހާއާ ސުވާލު ކޮށްފައެވެ. އެއީ ސޫރިޔާގެ ރައްޔިތެއް ކަމުގައި ފުލުހުން ބުނެއެވެ. އަދި، ހަމަލާ ދިނުމަށް ބޭނުންކޮށްފައިވާ ބޮން ހަރުކޮށްފައި ވަނީ އޭނާ ކަމަށް އިޢުތިރާފުވެފައިވާ ކަމުގައި ވެސް ފުލުހުން ބުނެއެވެ. ބޮން ހަރު ކުރުމަށް އޭނާއަށް އިރުޝާދު ދީފައި ވަނީ ތުރުކީގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ކުރުދިސްތާން ވަރކަސް ޕާޓީ (ޕީ.ކޭ.ކޭ)އިން ކަމަށް ވެސް އޭނާ އެއްބަސްވެފައިވާ ކަމުގައި ފުލުހުން ބުނެއެވެ.

އިސްތަންބޫލުގައި ފިހާރަބަރިތައް ހުންނަ ސަރަޙައްދެއް ކަމުގައި އިސްތިޤުލާލް އެވެނިޔުގައި ދިން މި ހަމަލާގައި ހަ މީހުން މަރުވިއެވެ. އަދި 81 މީހުން ޒަޚަމުވިއެވެ. ބޮން ގޮއްވައިލާފައި ވަނީ ފައިމަގުގައި އުޅޭ އެ މަގުގައި ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި އޮތް ވަގުތެއްގައެވެ. މިއީ ޕީ.ކޭ.ކޭ.އިން ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް ތުރުކީ ވިލާތުން ތުހުމަތު ކުރި ނަމަވެސް، އެއްވެސް ފަރާތަކުން އަދި މިހާތަނަށް ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

މި ހަމަލާއާ ގުޅިގެން އެ ޤައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ މިއީ ޓެރެރިސްޓުންގެ ހަމަލާއެއް ކަމުގައި ސިފަ ކުރައްވާ، ހަމަލާގެ ފަހަތުގައިވާ ހުރިހާ އެންމެން ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގައި ވިދާޅުވެފައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަނުގައި މިހާރު ވެސް 46 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ޓެރެރިސްޓު ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޕީ.ކޭ.ކޭ.އިން ތުރުކީ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލާފައި ވަނީ 1980ގެ އަހަރުތަކުގެ ތެރޭގައެވެ. އެ ޖަމާޢަތުން ހަނގުރާމަ ކުރަމުން ދަނީ ތުރުކީ ވިލާތުގެ އިރުދެކުނުގައި ކުރުދީންގެ ވަކި ދަޢުލަތެއް ޤާއިމު ކުރުމަށެވެ. ޕީ.ކޭ.ކޭ.އާ ގުޅިފައިވާ ކުރުދީންގެ ޖަމާޢަތްތަކުން ސޫރިޔާގެ އިރުއުތުރުގެ ސަރަޙައްދުތަކުގައި ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

2015އާއި 2016ވަނަ އަހަރު ވެސް އިސްތިޤްލާލް އެވެނިއުއަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީފައިވެއެވެ. އައި.އެސް. ޖަމާޢަތާއި ޕީ.ކޭ.ކޭ.ގެ ހަނގުރާމަވެރިން ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ އެ ހަމަލާތަކުގައި 500އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، 2,000 އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ.