ޚަބަރު

ޚާރްސަންގައިވެސް ރަޝިޔާ ސިފައިންގެ ބޮޑެތި ޖަރީމާތަކެއް


ރަޝިޔާއިން ސިފައިންގެ އަތްދަށުން މިނިވަންކޮށްފައި ޚާރްސަންގައި ވެސް ރަޝިޔާ ސިފައިން ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ތުހުމަތު ކުރައްވައިފިއެވެ. ޔޫކްރެއިނުގެ ދެކުނުގައިވާ ޚާރްސަންއަކީ ރަޝިޔާ ސިފައިން އެ ޤައުމަށް އަރައި ފެށި ހަނގުރާމައިގައި އެންމެ ފުރަތަމަ އަތްގަދަ ކޮށްފައިވާ އެއް ސަރަޙައްދެވެ.

ނަމަވެސް، މި ހަނގުރާމައަށް ނުވަ މަސް ފުރެން ގާތްވެފައި ވަނިކޮށް، ޔޫކްރެއިނުގެ ސިފައިން މި ވަނީ ޚާރްސަންގައި ތިބި ރަޝިޔާ ސިފައިން ފަހަތަށް ޖައްސައި، އެ ރަށުން ބާލުވާފައެވެ. ޚާރްސަންއަކީ ރަޝިޔާގެ ސަރަޙައްދެއްގެ ގޮތުގައި އެ ޤައުމުން މިހާރު ދެކޭ ސަރަޙައްދެކެވެ.

ރަޝިޔާ ސިފައިންގެ އަތްދަށުން މިނިވަން ކޮށްފައިވާ ޔޫކްރެއިނުގެ އެހެން ސަރަޙައްދުތަކެކޭ އެއް ފަދައިން، ޚާރްސަންއިން ވެސް ފެންނަމުން ދަނީ ރަޝިޔާ ސިފައިން ހިންގާފައިވާ އެތަކެއް ޖަރީމާތަކެއްގެ މަންޒަރު ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ. ރަޝިޔާގެ އަތްދަށުން މީގެ ކުރިން މިނިވަން ކޮށްފައިވާ ބައެއް ސަރަޙައްދުތަކުން، މަރައިލާފައިވާ ގިނަ އަދަދެއްގެ ބަޔަކު ވަޅުލާފައިވާ ގިނަ ވަޅުތަކެއް ފެނިފައިވެއެވެ. އަދި، މަރައިލާފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ޢާންމުން ވެސް ހިމެނެއެވެ.

ރަޝިޔާގެ ބާރުގެ ދަށުން ޚާރްސަން މިނިވަން ކުރެވުމާ ގުޅިގެން ޔޫކްރެއިނުގެ ރައްޔިތުން ދަނީ އެ ކަމާ އުފާ ފާޅުކުރަމުންނެވެ. ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ ބާކީ އޮތް ތިން ސަރަޙައްދަކީ ދެކުނުގައިވާ ޒަޕޮރީޜިޔާއާއި އިރުމަތީގައިވާ ޑޮނެޓްސްކް އަދި ލުހާންސްކްއެވެ.

ޚާރްސަން މިނިވަން ކުރުމަށް ޔޫކްރެއިނުގެ ސިފައިން އެ ސަރަޙައްދުގައި މިހާރު ވަނީ ކަރފިޔުއެއް އިޢުލާނު ކޮށްފައެވެ. އަދި، ރަޝިޔާ ސިފައިން ވަޅުލާފައިވާ މައިންތައް ސާފު ކުރުމުގެ މަސައްކަތް ފަށާފައެވެ. ޚާރްސަންއިން ފޭބުމުގެ ކުރިން ރަޝިޔާ ސިފައިން ވަނީ އެ ސަރަޙައްދުގެ ޢުމްރާނީ ވަސީލަތްތަކަށް ހަމަލާދީފައި ކަމުގައި ޒެލެންސްކީ ތުހުމަތު ކުރެއްވިއެވެ.

މި ގޮތުން، މުވާސަލާތީ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ޢިމާރާތްތަކާއި، ފެނާއި ކަރަންޓު ވިއުގައާއި އެ ކަމަށް ބޭނުންވާ ވަސީލަތްތަކަށް ބޮމުގެ ހަމާލާދީ، ހަލާކުކޮށްލާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އެ ސަރަޙައްދުތަކުން 2,000 އަށްވުރެ ގިނަ ގޮވާތަކެތި ފެނިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޚާރްސަންގައި ރަޝިޔާ ސިފައިންނަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން އެ ޤައުމުން އަނެއްކާ ވެސް މި ވަނީ ނިއުކްލިޔަރ ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ އިންޒާރު ދީފައެވެ. މި ކަމާ ގުޅޭ ގޮތުން ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެފް ވިދާޅުވީ، ރަޝިޔާގެ އަސްކަރިއްޔާގެ ފުރިހަމަ ބާރުވެރިކަމާއި ހަތިޔާރު އަދި މިހާތަނަށް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، އެ ފުރުޞަތު އެ ޤައުމަށް ގެއްލިފައި ނުވާ ކަމުގައެވެ.