ޚަބަރު

ވައިގެ ތެރޭގައި ދެ މަތިންދާބޯޓު ޖެހި ހަ މީހުން މަރުވެއްޖެ


އެމެރިކާގެ ޓެކްސަސްގައި ވައިގެ ތެރޭގައި ދެ މަތިންދާބޯޓު ޖެހި ހިނގި ހާދިސާއެއްގައި ހަ މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ބޭނުން ކޮށްފައިވާ މަތިންދާބޯޓުތަކެއް ދައްކައިލުމަށް ޓެކްސަސްގައި ބޭއްވި ވައިގެ ޝޯވްއެއްގެ ތެރެއިންނެވެ.

މި ހާދިސާގައި ވައިގެ ތެރޭގައި ޖެހިފައި ވަނީ "ބޯއިންގް ބީ-17 ފްލައިންގް ފޯޓްރެސް" މަރުކާރުގެ ބޯޓަކާއި "ބެލް ޕީ-63 ކިންގްކޯބްރާ" މަރުކާގެ މަތިންދާބޯޓެކެވެ. ޝޯވް ބަލައިލުމަށް 5,000 އަށްވުރެ ގިނަ މީހުން ޖަމާވެފައި ތިއްބެވެ. އަދި، ދެ މަތިންދާބޯޓު ޖެހުނު މަންޒަރު ފެންނަ ވީޑިޔޯތައް ސޯޝަލް މީޑިޔާގައި ވަނީ ޢާންމުވެފައެވެ.

ވީޑިޔޯއިން ފެންނަނީ ދެ ބޯޓު ޖެހި ބިންމައްޗަށް ވެއްޓޭ މަންޒަރެވެ. އަދި، ބޮޑު ހުޅުގަނޑެއް ހިފާ މަންޒަރެވެ. މި ހާދިސާގައި ބޯޓުގެ ބައިތައް އެއަރޕޯޓުގެ އިތުރުން އެ ސަރަޙައްދުގައިވާ ހައިވޭއަކަށް ވެސް ވެއްޓުނެވެ. މި ހާދިސާގައި މަރުވެފައި ވަނީ ބީ-17 ބޯޓުގައި ތިބި ހަތަރު ފަޅުވެރިންނާއި ޕީ-63 މަރުކާރުގެ ބޯޓުގައި ތިބި ދެ ޕައިލެޓުންނެވެ.

އެމެރިކާގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާ ކަމުގައިވާ ފެޑެރަލް އޭވިއޭޝަން އޮތޮރީޓީގެ އިތުރުން ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑް (އެން.ޓީ.އެސް.ބީ)އިން ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤު ކުރާނެ ކަމުގައި ބުނެފައެވެ. މި ހާދިސާ ހިނގި ވަގުތު ދެ ބޯޓުގައި ވެސް ތިބީ ވަރަށް ތަޖުރިބާކާރު ޕައިލެޓުންތަކެއް ކަމުގައި އޮފިޝަލުން ބުނެއެވެ.

ބީ-17 މަރުކާގެ ބޮންއަޅާ މަތިންދާބޯޓަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނު ވިލާތުގެ ލަޝްކަރުތަކާ ދެކޮޅަށް މުހިންމު ދައުރެއް އަދާ ކޮށްފައިވާ އުޅަނދުތަކެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މި މަރުކާރުގެ 12,731 އުޅަނދު އުފައްދާފައިވެއެވެ.

މީގެ ތެރެއިން މި ވަގުތު ރަނގަޅު ހާލަތުގައި މި ވަގުތު އޮތީ އެންމެ ހަތަރު މަތިންދާބޯޓެވެ. މި ހާދިސާގައި ދެން އެކްސިޑެންޓްވި ޕީ-63 މަރުކާގެ މަތިންދާބޯޓަކީ ކުރީގެ ރޫސީ ވިލާތުން އުފައްދާފައިވާ އަސްކަރީ މަތިންދާބޯޓެކެވެ.