ޚަބަރު

އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޙުކުމް އިއްވުން މިރޭ


ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ޓެރަރިޒަމް ކުށުގެ ދަޢުވާގެ ޙުކުމް އިއްވުން މިރެއަށް ފަސްކުރައްވައިފިއެވެ.މިމައްސަލައިގައި ޙުކުމް އިއްވެވުމަށް ބާއްވަވާ ޝަރީޢަތުގެ މަޖިލިސް ބޭއްވެވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައެވެ. ކުރިން މިމައްސަލައިގެ ޙުކުމް އިއްވެވުމަށް ބާއްވަވާ ޝަރީއަތުގެ މަޖިލިސް ބޭއްވެވުމަށް ތާވަލްކުރައްވައިފައި އޮތީ މިއަދު ހަވީރު 4 ޖަހާއިރަށެވެ. ދައުލަތުން އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާ އުފުއްލަވާފައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކެވި ކަމުގެ ތުހުމަތުގައެވެ. މި މައްސަލާގެ އަޑުއެހުންތައް އިއްޔެ ވަނީ ނިންމަވާލައްވާފައެވެ. އިއްޔެ ބޭއްވެވި އަޑުއެހުމުގައި ދެފަރާތުންވެސް ވަނީ ޙުލާސާ ބަޔާން އިއްވާފައެވެ. މިމައްސަލައިގައި ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ މިދިޔަ އަހަރުގެ މޭމަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ބާރުއަޅައި އިމްރާން ޢަބްދުﷲ ވާހަކަދެއްކެވިކަން ހެކިންގެ ހެކިބަހުންނާއި ދައުލަތުން ހުށައަޅާފައިވާ އޯޑިއޯ އެނޭލިސިސް ރިޕޯރޓާއި އެހެނިހެން ހެކިތަކުން ސާބިތުވާކަމަށް ދައުލަތުން ދެކެވަޑައިގަންނަވާކަމަށެވެ. މިމައްސަލައަށް އިމްރާންގެ ފަރާތުން އިންކާރުކޮށް ދިފާޢުގައި ވާހަކަދައްކަވައިފައިވެއެވެ. ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނު ބުނާގޮތުން ޓެރެރިޒަމްގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.