ޚަބަރު

"ރޮކީ އޮރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް އާ ތާރީޚެއް


ބޮލީވުޑް ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ޑައިރެކްޓުކުރާ 7 ވަނަ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ރިލީޒްކުރަން އައު ތާރީޚެއް ދީފިއެވެ.

ފިލްމުގެ ލީޑް އެކްޓްރެސް އާލިއާ ބަޓް ބަލިވެ އިނުމާއި ގުޅިގެން ރިލީޒްކުރުން ފަސްކޮށްފައިވާ މި ފިލްމު މިހާރު ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު 28 ގައެވެ. ކުރިން މި ފިލްމު ސިނަމާތަކަށް ގެންނަން އޮތީ އަންނަ އަހަރުގެ ފެބްރުއަރީ މަހު 10 ގައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ޝޫޓިން ފެށި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ އާލިއާ ބަޓާއި ރަންވީރު ސިންގް ލީޑް ރޯލުން ފެންނާނެ އެއްޗެކެވެ. މީގެ ކާސްޓްގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަންގެ އިތުރުން ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ. ކަރަން ބުނެފައިވާ ގޮތުގައި މި ފިލްމަކީ އޭނަގެ ފުރަތަމަ ޑައިރެކްޝަން 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އާއި 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" ސްޓައިލްގެ، ވަރަށް އުފާވެރިކަން ގެނުވައިދޭނެ ކަހަލަ ފިލްމަކަށްވާނެއެވެ.

އާލިއާ ބަލިވެ އިން އިރު މި ފިލްމުގެ ލަވައެއްގެ ޝޫޓިން އޮތީ ނުނިމިއެވެ. މި ލަވައިގެ ޝޫޓިން އާލިއާގެ ހަށިގަނޑު ރަނގަޅަށް ފިޓް ކުރުމަށްފަހު ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ލަވަ ޝޫޓްކުރަން ހަމަޖެހިފައި ވަނީ ޔޫރަޕްގެ ބައެއް ލޮކޭޝަންތަކުގައި ކަމަށް ކަރަން ބުނެފައިވެއެވެ.

މި ފިލްމުގެ ކާސްޓަށް ޓީވީ ތަރިންތަކެއްވެސް ވަނީ ހަމަޖައްސާފައެވެ. މި ތަރިންނަކީ ޓީވީ ތަރި އަދި ގިނަ ޝޯވތަކެއް ހުށައަޅައިދޭ އަރުޖުން ބިޖްލާނީ އާއި، އެކްތާ ކަޕޫރުގެ ޝޯވ "ކުމްކުމް ބާގްޔާ" ގެ ތަރި ސްރިތީ ޖާ، ހަމަ މި ޝޯވގެ ތަރި އަރިޖީތް ތަނޭޖާގެ އިތުރުން ޒީ ޓިވީގެ ޝޯވ "ކުންޑަލީ ބާގްޔާ" ގެ ތަރި ޝްރައްދާ އާރްޔާއެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް އަރްޖުން އާއި ޝްރައްދާ ޝޫޓްކޮށްފައިވާ އިރު، އަރުޖުން ކުރިން ވެސް ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވެއެވެ. އޭގެ ތެރޭގައި 2016 ގެ "ޑައިރެކްޓް އިޝްގް" ހިމެނެ އެވެ. އަދި ޝްރައްދާ އަކީވެސް ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި 2010 ގެ "ޕާތުޝާލާ" ހިމެނެއެވެ.

ރީތި އެތައް ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ކަރަން އެންމެ ފަހުން ގެނެސްދިނީ 2016 ވަނަ އަހަރު ދެއްކި "އޭ ދިލް ހެ މުޝްކިލް" އެވެ.